ވިޔަފާރި

މަސްވެރިންގެ ދުވަހަށް ޙާއްސަކޮށްގެން ބާއްވާ މަސްވެރިންގެ ފޯރަމް ފަށައިފި


މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ.

މި ފޯރަމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ.

މަސްވެރިންގެ ދުވަހުގެ މި ފޯރަމް ކުރިއަށްދަނީ ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސުކޫލްގައެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ، މި ފޯރަމްގެ މަޤްސަދަކީ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށް މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުންކަމަށެވެ. މިއަހަރުގެ ފޯރަމްގައި އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި މިންވަރެއްގައި ހިފެއްޓުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާގުޅޭގޮތުންނާއި، މަސްވެރިކަމުގެ ތަފާސް ހިސާބު ނެގުމާ، މަސްވެރިކަމުގެ ޤާނޫނާއި ޤަވާޢިދުތަކާއިގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މަސްވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް މިފަދަ ފޯރަމެއް ބޭއްވުމުގެ މަޤްސަދަކީ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމުގަޔާއި މަސްވެރިކަމުގެ ސިނާއަތުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއް މަޝްވަރާކުރުން. މިގޮތުން މިއަހަރުގެ ފޯރަމްގައި އިންޑިއާ ކަނޑުގައި، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި މިންވަރެއްގައި ހިފެއްޓުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާގުޅޭގޮތުންނާއި، މަސްވެރިކަމުގެ ތަފާސް ހިސާބު ނެގުމާ، މަސްވެރިކަމުގެ ޤާނޫނާއި ޤަވާޢިދުތަކާއިގުޅޭގޮތުން އަދި މިނޫންވެސް ގުޅުންހުރި އެހެން ބައެއް ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެ." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިއަހަރުގެ މަސްވެރިންގެ ފޯރަމްގައި ރާއްޖޭގެ 15 އަތޮޅަކުން، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 55 ފަރާތްތަކުން ބައިވެރިވެއެވެ.

އޭގެތެރޭގައި މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނެއެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ތަފާތު މައުޟޫތަކަށް ޕްރެޒެންޓޭޝަން ހުށައަޅައި މަޝްވަރާކުރާނެއެވެ. އޭގެތެރޭގައި ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި އަމަލުކުރަންޖެހޭ ކަންކަމާއި، މަސްވެރިންގެ ޤާނޫނާއި ޤަވައިދުތައް އަދި މަސްވެރިންގެ އިންޝުއަރެންސްއާއިގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މަސްވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވުމާއި، މިޔަރުގެ އާބާދީއާއި ގުޅޭ ދިރާސާގެ އިތުރުން މަސްވެރިކަމުގައި އުފެދޭ ޕްލާސްޓިކް މަދުކުރުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.