ޚަބަރު

ޕާކިން ސްޓިކާ ޖެހި އުޅަނދުތަކުގެ އަދަދާއި، މާލޭގައި އެކްސިޑެންޓްވި އަދަދު އިތުރުވެއްޖެ


މިދިޔަ ހަފްތާގައި ޤަވައިދާއި ޚިލާފަށް ޕާކްކޮށްގެން ސްޓިކާ ޖެހި އުޅަނދުތަކުގެ އަދަދާއި، މާލޭގައި އެކްސިޑެންޓްވި އަދަދު އިތުރުވެއްޖެއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ހެލްމެޓާއި ގުޅޭ 100 އަށްވުރެ ގިނަ މައްސަލަ ވަނީ ރިކޯޑް ކޮށްފައެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ފުލުހުން އާއްމުކުރަމުން އަންނަ ތަފާސް ހިސާބުތައް ދައްކާގޮތުން ޤަވައިދާ ހިލާފަށް ޕާކުކޮށްގެން ނޮވްމްބަރ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިމަހުގެ 6 ވަނަ ނިޔަލަށް ޖުމްލަ 1648 އުޅަނދެއްގައިވަނީ ސްޓިކާ ޖަހާފައެވެ.

މިއީ އޭގެ ކުރީގެ ހަފްތާ އާއި އަޅައިބަލާއިރު 168 ސްޓިކާ އިތުރު އަދަދެކެވެ.

ޤަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރާއިރު ތިންވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު ޖޫރިމަނާކުރަނީ 750 އިންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި 55 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މިއީ އޭގެ ކުރީ ހަފްތާ އާއި އަޅާބަލާއިރު 12 އެކްސިޑެންޓް މަދު އަދަދެކެވެ. ކުރީ ހަފްތާގައި 43 އެކްސިޑެންޓެއް ވަނީ ރިކޯޑް ކުރެވިފައެވެ. މިދިޔަ ހަފްތާގައި އެކްސިޑެންޓްތަކާއި ގުޅިގެން 2 މީހެއްގެ ލައިސަންސް ހިފަހައްޓާ ފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ކުރި ޓުވީޓް

މިދިޔަ ހަފްތާގައި ފުލުހުން ވަނީ 1246 އުޅަނދެއް ބަލާ ފާސްކޮށްފައެވެ. އަދި 28 ވެހިކަލެއް މިދިޔަ ހަފްތާގއި ޓޯކޮށްފައިވެއެވެ.

މިދިޔަ ހަފްތާގައި ލައިސަންސް ނެތި ދުއްވި 113 މީހަކު ފުލުހުން ހިފައްހައްޓާފައިވެއެވެ. ފުލުހުންގެ ހިސާބުތައް ދައްކާގޮތުން ލައިސަންސް ކާޑު ނުލާ ދުއްވި 78 މީހަކާއި މުއްދަތު ހަމަވެފައިވާ ލައިސަންސް ގެންގުޅުނު 9 މީހެއްވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހަފުތާގައި އިންޝުއަރެންސްއާއި ރޯޑްވާދިނަސް ނުހައްދާ 82 މީހެއްގެ އިތުރުން، އަހަރީ ފީ ނުދައްކާ 59 މީހެއްވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މީގެ އިތުރުން ހެލްމެޓާއި ގުޅޭ 111 މައްސަލަައަކާއި ބާރު ސްޕީޑްގައި ދުއްވި 105 މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ބަލާފައެވެ.