ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އަންހެނުންގެ ބީޗް ވޮލީ ޓީމަށް މުބާރާތް ނިމިއްޖެ


ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ބީޗް ވޮލީގައި ރާއްޖޭގެ 2 ޕެއަރވެސް ކުޅުނު 2 މެޗުން ބަލިވެ މުބާރާތް ނިންމާލައިފިއެވެ.

13ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ބީޗް ވޮލީ ބޯޅާގައި ރާއްޖޭގެ ޒީނިޔާ މުސާ އާއި އާމިނަތު ނުދިނާ ކުޅުނު ދެވަަނަ މެޗުން ބަލިވެފައިވަނީ ސްރީލަންކާގެ ތަރުކަ ލަކަޝިނާ އާއި ދިނޭޝާ ޕަރަސަންދިއާ ވާދަކޮށް ސީދާ 2 ސެޓުންނެވެ. މެޗުގެ ސެޓްތައް ލަންކާގެ ޕެއަރ ގެންދިޔައީ 21-12 އަދި 21-5ންނެވެ. މިމެޗުގައި ރާއްޖޭގެ ޓީމަށް މާ ބޮޑު ވާދައެއް ކުރެވިފައި ނުވާއިރު މުޅި މެޗް ކޮންޓްރޯލްކޮށްގެން ކުޅުނީ ސްރީ ލަންކާއިންނެވެ. ބީޗް ވޮލީ އަންހެނުންގެ ބައިގައި ރާއްޖޭގެ ދެވަނަ ޕެއަރ، އާމިނަތު ރާޝިދާ އާއި ޝަފްނާ އިބްރާހީމް ދެވަނަ މެޗުން ބަލިވީ ސްރީ ލަންކާގެ ސަދިރާ ދިޕިކާ އާއި މަދުޝަނީ ވިރަސިންގަރއާ ވާދަކޮށް ސީދާ 2 ސެޓުންނެވެ. އެއީ 21-8 އަދި 21-10ންނެވެ. މި މެޗުގައިވެސް ރާއްޖޭގެ ޕެއަރއަށް މާބޮޑު ވާދައެއް ކުރެވިފައެއް ނުވެއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އަންހެނުންގެ ބައިގެ ފުރަތަމަ މެޗްގައި ރާއްޖޭގެ ޒީނިޔާ މުސާ އާއި އާމިނަތު ނުދިނާ ބަލިވީ ނޭޕާލުގެ ކޮޕިލާ އުރްޕްރީދު އާއި މަނީޝާ ޗައުދަރީއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗްގެ ސެޓުތަށް ނޭޕާލްގެ ޕެއަރއިން ގެންދިޔައީ ވަރަށް ފަސޭހަކަމާއެކުއެވެ. އެއީ 12-21 އަދި 12-21ންނެވެ. ރާއްޖޭގެ ދެވަނަ ޕެއަރ، އާމިނަތު ރާޝިދާ އާއި ޝަފްނާ އިބްރާހީމް ބަލިވީ ނޭޕާލްގެ ބިއިންތާ ބުއްދަޓޮކީ އާއި ނިބިކާ ޗައުދަރީއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. 2 ސެޓްގައިވެސް ރާއްޖޭގެ އާމިނަތު ރާޝިދާ އާއި ޝަފްނާ އިބްރާހީމަށް މާ ރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިސެޓް ނޭޕާލްގެ ޕެއަރއިން ގެންދިޔައީ 21-5 އަދި 21-6ންނެވެ. މި 2 މެޗުން ބަލިވުމާއެކު ރާއްޖޭގެ އަންހެނުންގެ ބީޗް ވޮލީ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ.