ޚަބަރު

"އޭވިއޭޝަން ނެކްސްޓް ޖެން" ސްކޮލަރޝިޕް 4 މީހަކަށް


ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސްކޮލަރޝިޕް ސްކީމެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަޢާރަފްކޮށްފިއެވެ.

"އޭވިއޭޝަން ނެކްސްޓް ޖެން"ގެ ނަމުގައި ދޭ މި ޗްކޮލަރޝީޕްގެ ފުރަތަމަ ބެޗްގެ ސްކޮލަރޝިޕްތައް މިހާރުވަނީ ހަވާލުކޮށްފައެވެ.

ސްކޮލަރޝިޕް ލިބުނު ފަރާތްތަކާއި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާއެވެ. މި ސްކޮލަރޝިޕްވަނީ އޭވިއޭޝަން ދާރާގައި މަސައްކަތްކުރާ 4 ފަރާތަކަށް ދީފައެވެ.

ފުރަތަމަ ބެޗުގައި ދީފައިވާ ސްކޮލަރޝިޕްގެ ފުރުސަތުގެ ތެރޭގައި ހިމެނެނީ އެއަރ ޓްރެފިކް ކޮންޓްރޯލްގެ ދާއިރާއިން 2 ސްކޮލަރޝިޕާއި، އެއަރބަސް އޭ.320 ޓައިޕް ޓްރެއިނިންގ އާއި، އޭ.އާރް.ޓީ ޓައިޕް ޓްރެއިނިންގ ޕްރޮގްރާމެކެވެ.

ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރވަނީ މި ދާއިރާއަށް ތަޢުލީމި މީހުން ބޭނުންވާ މިންވަރުގެ މައްޗައް އަލިއަޅުވާލައްވާފައެވެ. ދާއިރާގެ ހުރި ފުރުސަތުތަކާއި، އަދި އެކަންކަމަށް ބޭނުންވާ ދިވެހިން ބިނާކުރުމުގައި އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރައްވާނެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ މަދަނީ ވައިގެ ދަތުރުފަތުރާއި ބެހޭ ޤާނޫނަށް އިސްލާހް ގެނައުމެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މަދަނީ ވައިގެ ދަތުރު ފަތުރާއި ބެހޭ ޤަނޫނުނަށް އިސްލާޙްތައް ގެނައުމުގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ޤާނޫނުތަކުގައި ހިމެނޭ ސަލާމަތީ މިންގަނޑުތަކަށް ބަލާނެކަމަށެވެ.

ގިނަ ޤައުމުތަކާއިއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުތަކުގައި ސޮކުރެވެމުންދާއިރު، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"ޤާނޫނު އިސްލާހުކުރުމުގެ ނަތީޖާއެއްގެ ގޮތުން ވައިގެ އެކްސިޑެންޓްތައް ތަޙްޤީގުކުރުމަށް މުސްތަޤިއްލު އިދާރާއެއް އުފައްދާނަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.


2020 ވަނަ އަހަރު ނިމުމުގެ ކުރިން އައިކާއޯ ސްޓޭޓް ސޭފްޓީ ޕްރޮގްރާމް ތަންފީޒު ކުރައްވާނެކަމަށްވެސް ވަނީ މިނިސްޓަރ ވިދާޅުވެފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ފަސެންޖަރުންގެ ޙައްގުތަކާއިބެހޭ ޤާނޫނުވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި އެތެރޭގެ އުދުހުންތައް އިތުރުކޮށް، ބައިނަލްއަޤްވާމީގޮތުން އޮންނަ ވައިގެ ގުޅުންތައްވެސް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.