ތިމާވެށި

ކްލީން މޯލްޑިވްސްގެ ގަސް އިންދުމުގެ ހަރަކާތް ރައީސް އިފްތިތާޙް ކޮށްދެއްވައިފި


ކްލީން މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ގަސް އިންދުމުގެ ހަރަކާތް ރައީސުލްޖުމްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ތިމާވެއްޓަށް ލޯބިކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން "ގޯ ގްރީން" ނަމުގައި ހުޅުމާލޭގެ 2ވަނަ ފިޔަވަހީ ގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ކްލީން މޯލްޑިވްސްއިން އަލަށް ތަޢާރަފްކުރި ތިމާވެއްޓާ ރަށްޓެހި "އިކޯ ފްރެންޑްލީ ބޭގް"ވެސް އިފްތިތާހް ކޮށްދެއްވާފައެވެ.

މިހަރަކާތުގައި ކްލީން މޯލްޑިވްސްގެ ފަރާތުންވަނީ 500 މަގޫ ގަހާއި 500 ރުއް އިންދާފައެވެ. އަދި މިހަރަކާތުގެ ތެރެއިން އިތުރު 500ރުކާއި، 500 މަގޫ ގަސް ކްލީން މޯލްޑިވްސްގެ ފަރާތުން ވަނީ އެޗް.ޑީ.ސީގެ ނާސަރީއަށް ހަދިޔާ ކުރައްވާފައެވެ. އަދި "ބެނެފިޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވެސްވަނީ 11 ހިތިގަހާ، 6 އޯކިޑު ގަސް ހަދިޔާ ކުރައްވާފައެވެ.

މިހަރަކާތުގެ މައިގަޑު މަޤްސަދަކީ ހުޅުމާލޭގެ 2ވަނަ ފިޔަވައްސަކީ ކުރިއަށް އޮތްތާގައި އެންމެ އަވަހަށް މީހުން އާބާދުވާން ތައްޔާރުވަމުންދާ އެއްސަރަހައްދަށް ވުމާއެކު އެތަން ފެހިކުރުން ކަމަށް ކްލީން މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.
ކްލީން މޯލްޑިވްސް އަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ މިހާރަށް ވުރެ ރަނގަޅު ތިމާވެއްޓެއް އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ މަޤްސަދުގައި އުފެދިފައިވާ ޖަމްއިއްޔާއެކެވެ.