ޚަބަރު

ޢުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ


ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުން ފެނިއްޖެއެވެ.ޕަބްލިސް ސަރވިސް މީޑިޔާ، ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޗެއާރޕާސަން ޑރ. އާއިޝަތު މުނީޒާ ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނުނީ މައްކާގެ ޙަރަމްފުޅު ތެރެއިން ކަމަށެވެ. އަދި އޭނާގެ ޙާލު ރަނގަޅު ކަމަށާއި އެމީހާ މިހާރު ހޮޓަލަށް ގެންގޮސްފައިވާ ކަމަށް ޑރ. މުނީޒާ ވިދާޅުވިއެވެ.މިއަހަރުގެ ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 315 މީހަކު އުމްރާއަށް ގޮސްފައިވެއެވެ. އަދި ޢުމްރާއަށް މީހުން ގެންދިއުމުގެ ޙުއްދަ އިސްލާމިކް މިނިސްޓްރީން 10 ކުންފުންޏަކަށް ދީފައިވާއިރު ސާދަސަތޭކަޔާ ގާތްކުރާ އަދަދަކަށް މީހުން ރާއްޖެއިން މިއަހަރު ޢުމްރާގެ އަޅުކަން އަދާކުރާނެއެވެ.