ސިއްހަތު

ޑެންގީހުން ޖެހޭ މިންވަރު ދަނީ މަދުވަމުން- ހެލްތްމިނިސްޓްރީ


ރިކޯޑްތަކުން ދައްކާގޮތުން ޑެންގީހުން ޖެހޭ މިންވަރު މިހާރުގެ މަދުވަމުންދާ ކަމަށް ހެލްތްމިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފުއާދު ގާސިމް ވިދާޅުވީ، އެމިނިސްޓްރީގެ ރިކޯޑްތަކުން ދައްކާގޮތުން ޑެންގީހުން ޖެހޭ މިންވަރު މަދުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، ނަމަވެސް ޑެންގީހުން މުޅިން އަދި ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އުންމީދު ކުރެވޭވަރުގެ ކުރިއެރުން ލިބެމުންދާ ކަމަށް ފުއާދު ވިދާޅުވިއެވެ.މީގެކުރިން ޑެންގީ ހުން ޖެހުނު ކަމަށް ރިކޯޑް ކުރެވެނީ ޑެންގީހުން ކަމަށް ޔަގީން ކުރެވޭ މީހުންއެކަނި ކަމަށާއި، ނަމަވެސް ރިކޯޑްތަކުގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު އިތުރުވެފައި މިވަނީ ޑެންގީއަށް ޝައްކުކުރެވޭ މީހުން ހިމަނާފައި ވުމާއި ގުޅިގެން ކަމަށް ފުއާދު ވިދާޅުވިއެވެ.ޓާސްކް ފޯސްމެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ސާފުތާހިރު ކުރުމުގެ ޕްރޮގްރާމްގެ އިތުރުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައިވެރިވުމާއެކު އަތޮޅުތަކުގައި ތިއްބަވާ ޑޮކްޓަރުންނަށް ޓެލެކޮންފަރެންސްގެ ޒަރިއްޔާއިން މައުލޫމާތު ފޯރުކޮށްދެވެމުން ގެންދާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި މިކަންކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.