ޚަބަރު

ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ގޮނޑިތައް ބަހާފައިވާގޮތް ހާމަކޮށްފި


ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ގޮނޑިތައް ބަހާފައިވާގޮތް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެސިޓީގެ 6 ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައެވެ. އަދި އައްޑޫ ސިޓީއަށް 4 ގޮނޑި އާއި ފުވައްމުލަކު ސިޓީއަށް 2 ގޮނޑި އަންހެނުންނަށް ޚާއްޞަކޮށްފައެވެ. އަދި 3000 އަށް ވުރެ އާބާދީ މަދު ކައުންސިލްތަކުން 2 ގޮނޑި އަދި އެއަށްވުރެ އާބާދި ބޮޑު ރަށްތަކުގެ ކައުންސިލްތަކުން 3 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ކުރިން މާލޭގެ އާބާދީ ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަމަށެވެ. އެގޮތުން ޑިސެމްބަރުމަހުގެ ކުރިން މާލޭގެ ދާއިރާތަކުގެ އާބާދީ ބެހުމުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ޚާއްސަ ދާއިރާތައް ކަނޑައެޅުމަށްފަހު އެ ދާއިރާތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށެވެ.

އަޑު:" 3000 އަށް ވުރެ މަދު އާބާދީއަށް 5 ކައުންސިލް ހޮވާނެ. މި ފަސް ކައުންސިލްގެ ތެރެއިން 2 ސީޓް އަންހެނުންނަށް ރިޒާވް ކުރާނެ. 3000 އަށް ވުރެ އާބާދީ ބޮޑު ރަށްތަތކުގައި 7 ކައުންސިލަރުން ހޮވާ 3 ގޮނޑި އަންހެނުންނަށް ޚާއްސަ ވާނެ." ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުވެސް ބޭއްވުމަށް ޤާނޫނަށް ގެނައި ބަދަލުގައި ވަނީ ކަނޑައަޅާފައެވެ. ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ބާރަ ދާއިރާއިން 10 މެމްބަރުން އިންތިޚާބް ކުރަން ހަމަޖެހިފައިވާކަމަށެވެ. އަދި ފުވައްމުލަކު ސިޓީން 6 މެމްބަރުންނާއި، 3000 އިން ދަށުގެ އާބާދީގެ ރަށްތަކުގެ ކައުންސިލަށް ހޮވާފައި ތިބި ކައުންސިލަރުންނާ އެއްވަރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރުން އިންތިޚާބް ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަންދީ، ކައުންސިލްގައި 33 އިންސައްތަ އަންހެނުން ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.