ޚަބަރު

ބަނގްލަދޭޝް ހައިކޮމިޝަނުން މާލެ ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް


ޑެންގީ ހުމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ދަށުން، ރާއްޖޭގައި ހުންނަ ބަނގްލަދޭޝް ހައިކޮމިޝަނުން އިސްނަގައިގެން މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.ބަނގްލަދޭޝް ހައިކޮމިޝަންގެ މުވައްޒަފުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝް މަސައްކަތްތެރިންގެ ޓީމުތަކުން އިއްޔެ ކުރިއަށްގެންދިޔަ މިހަރަކާތުގައި މާލޭގެ މަގުތަކާއި، އާންމުން އެއްވެ އުޅޭ ތަންތަނުގައި މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލާފައިވާ ކަމަށް ބަނގްލަދޭޝް ހައިކޮމިޝަނުން ބުނެއެވެ.ބަނގްލަދޭޝް ހައި ކޮމިޝަނުން މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، ޑެންގީ ޖެހިގެން މިއަހަރު އެންމެ ފުރަތަމަ ނިޔާވެފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫގައި މަސައްކަތް ކުރަމުންދިޔަ ބަނގުލަދޭޝްގެ ރައްޔިތެކެވެ. އެހެންކަމުން މިބަލިން ސަލާމަތްވެ ތިބުމަށް ބަނގްދަލޭޝް ހައި ކޮމިޝަނުން ވަނީ ރާއްޖޭގައި އުޅެމުންދާ ބަނގްލަދޭޝްގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބޮޑު އާބާދީއެއް ހިއްސާކުރަނީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ.