ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ކުރިމިނަލް ކޯޓަށް އެއް ފަނޑިޔާރު އަދި ސިވިލްކޯޓަށް 4 ފަނޑިޔާރުން އައްޔަނު ކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނުން ބޭއްވެވި، ކޮމިޝަނުގެ 88 ވަނަ ބައްދަލުވުމުގައި ސްޕީރިއާ ކޯޓުތަކަށް 5 ފަނޑިޔާރުން އަދި ދެ މެޖިސްޓްރޭޓް ކޯޓަކަށް އިސްމެޖިސްޓްރޭޓުން އައްޔަނު ކުރައްވާފައި ވާކަމަށެވެ.
މިގޮތުން، ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް، ހަމަޖައްސަވާފައި ވަނީ، ޅ ކުރެންދޫ، މާތިލަ، އަލްއުސްތާޛު އާދަމް މުހައްމަދެވެ.
ސިވިލްކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް އައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ދެ އަންހެން ފަނޑިޔާރަކު ހިމެނިވަޑައިގަންނަވައެވެ. މިގޮތުން ސިވިލްކޯޓަށް އައްޔަނުކުރެއްވި ފަނޑިޔާރުންނަކީ، ދ ކުޑަހުވަދޫ، ވައިލެޓްގެ، އަލްއުސްތާޛާ ރިޒްމީނާ އާއި، ތ ވިލުފުށީ ބަސަރާ، އަލްއުސްތާޛު އަހުމަދު ޢަބުދުލްމަތީނާއި، ސ ހިތަދޫ ހަސަންކާރިގޭ އަލްއުސްތާޛު ފައްޔާޒު ޝާޠިރާއި، އަދި މއ ޕެންޒވިލާ، އަލްއުސްތާޛާ އާއިޝަތު އަޒްފާ އަބުދުލްޣަފޫރެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން، ތ ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށާއި، ކ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށްވެސް ވަނީ އިސްމެޖިސްޓްރޭޓުން އައްޔަނުކުރައްވާފައެވެ.
މިގޮތުން ތ ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމަށް އައްޔަނުކުރައްވާފައި ވަނީ، ތ ކިނބިދޫ ނަސްރުއްސަބާޙް، އަލްއުސްތާޛު ޢަބުދުﷲ ޙުސައިނެވެ. އަދި ކ ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމަށް އައްޔަނުކުރައްވާފައި ވަނީ، ލ މާވަށް ނަލަމަލަ، އަލްއުސްތާޛު ފަތުހުﷲ ޖަމީލް މޫސާއެވެ.
ސްޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ހުސްވި ނޮވެމްބަރު މަހު ޖޭއެސްސީ އިން އިއުލާނު ކުރުމުން ގިނަ އަދަދެއްގެ ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވިއެވެ.