ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އަންހެނުންގެ ރިލޭ ޓީމުން ޤައުމީ ރެކޯޑް އާކޮށްފި


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ޤައުމީ ރެކޯޑް އާކޮށްފި އެވެ.

ހަ ޤައުމަކުން ވާދަކުރި ރިލޭ އިވެންޓް އެންމެ ފަހަތުން ރާއްޖޭން ނިންމި ނަމަވެސް އަންހެން ޓީމުން ޤައުމީ ރެކޯޑް އާ ކުރީ 50:16 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެންމެ ފަހުން ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭގެ ގައުމީ ރެކޯޑް އާ ކުރީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރުގެ ޓައިމިން އަކީ 51:32 ސިކުންތެވެ.
މި ފަހަރުގެ ގޭމްސްގައި ވާދަކުރި އަންހެން ރިލޭ ޓީމުގައި ހިމެނެނީ މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި ސާރާ މައްސޫދު އެވެ.

މި ފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި މިހާތަނަށް އެންމެ ޙާއްސަ ކާމިޔާބެއް ހޯދީ އެތުލެޓިކްސް އިންނެވެ. އެތްލެޓިކްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އަދި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ރާއްޖޭގެ ކުޅިވަރު ތާރީހުގައި ޙާއްސަ ކާމިޔާބެއް ހޯދައިފަ އެވެ. މީގެ އިތުރުން ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ވެސް ހޯދާފައެވެ.