ދީން

"ދޫރައްކާތެރި ކުރުން" ރޯދައިން ދަސްކޮށްދޭ މުހިންމު ފިލާވަޅެއް


ރޯދައިން ދަސްކޮށްދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ދޫރައްކާތެރި ކުރުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ރޭބޭއްވި މައުމޫން ފައުންޑޭޝަންގެ އިހްޔާ ފޯރަމްގައި ރައީސް މައުމޫންވަނީ ރޯދައިން ލިބޭ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.ރައީސް މައުމޫންގެ ވާހަކަފުޅުގައި، ހުތުރު އެއްޗެހި ކިޔުމާއި، އަޑުގަދަ ކުރުމާއި، ބަހުގެ ހަމަލާދިނުން ފަދަ  އަމަލު ތަކަކީ ރޯދައާއި ނުގުޅޭ ބީރައްޓެހި އާދަތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެގޮތުން ދޫރަށްކާތެރި ކުރުމަށާއި، ހެޔޮބަސް ބުނުމާއި ގުޅޭގޮތުން ގުރުއާންގެ އާޔަތްތަކުން ދަލީލު ދައްކަވާފައިވެއެވެ.ދޫރައްކާތެރި ކުރުމަކީ، މަޑުމައިތިރި ކަމުގެ މަތިވެރި ސިފަ ލިބިދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި. ޚާއްސަކޮށް ﷲގެ މަގަށް ގޮވުމުގައި،  މިސިފަތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މައުމޫން އިލްތިމާސްކުރެއްވިއެވެ.މައުމޫން ފައުންޑޭޝަންގެ އިހްޔާ ފޯރަމްގައި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަހުމަދު ޒިޔާދު ބާގިރު ދެއްކެވި ވާހަކަފުޅުގައި، ރަމަޟާންމަހު ހިނގާފައިވާ ބައެއް ހާދިސާތަކަށް ބައްލަވާލެއްވިއެވެ. އަދި އެފަދަ ހާދިސާތަކުން އިބްރަތް ހާސިލް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.މައުމޫން ފައުންޑޭޝަން އުފެދުނީއްސުރެ، އެފައުންޑޭޝަނުން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު އިހްޔާ ފޯރަމްތައް ބާއްވަމުންދެއެވެ.