ކުޅިވަރު

ބޫޓާން އަތުން ބަލިވުމުން ސެގާޓްގެ ޝަކުވާ އަނެއްކާވެސް މުބާރާތުގެ ފޯމެޓަށް!


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ބޫޓާން އަތުން ރާއްޖެ ބަލިވުމުން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް މުބާރާތް ރަވާފައި އޮތް ގޮތާ މެދު އަނެއްކާވެސް ޝަކުވާކޮށްފިއެވެ.

ބޫޓާން އަތުން 1-2 އިން ބަލިވުމާއެކު ރާއްޖެއަށްވަނީ މި މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރުވެސް މިހާރު ގެއްލިފައެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ 40 އަހަރުވީ ތާރީޚުގައި ސީނިއާ ލެވެލެއްގައި މިހާތަނަށް ބޫޓާން އަތުން ބަލިވެފައެއް ނުވެއެވެ.

ސައުތް އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓް އެންމެ ފުރަތަމަ ކުރިޔަށްގެންދަން ހަމަޖެހިފައި އޮތީ ގްރޫޕް ސްޓޭޖް ކުޅުމަށްފަހު، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އެގޮތަށް ނިންމާ ޝެޑިއުލް އާއްމުކުރި ފަހުން އިންޑިއާ މުބާރާތުން ވަކިވުމުން ރާއްޖެ ހިމެނޭ ގްރޫޕް ބީއިން ސްރީ ލަންކާއާއި ރާއްޖެއަށް އޮޓަމެޓިކުން ސެމީ ފައިނަލުން ޖާގަ ވަނީ ލިބިފައެވެ.

ނަމަވެސް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ނޭޕާލަށް އައިފަހުން، ފުޓްބޯޅަ އިވެންޓުގެ ފޯމެޓް ވަނީ ލީގު އުސޫލަށް ބަދަލުކޮށްފައެވެ. އެއާއެކު ރާއްޖެއަށް ފަސް ދުވަހުގެ ތެރޭގައި ހަތަރު މެޗު ކުޅެން ޖެހޭގޮތަށް ޝެޑިއުލް ވަނީ ހަދާފައެވެ.

ނަމަވެސް ގޭމްސްގައި ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޤައުމީ ކޯޗު ޕީޓަރ ސެގާޓް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެގޮތަށް މުބާރާތުގެ ޝެޑިއުލް އޮވެއްޖެނަމަ މެޗުތައް ކުޅުމާއި މެދު ދެވަނަ ވިސްނުމަކަށްދާން ޖެހިދާނެކަމަށްވެސް ސެގާޓް ވަނީ އޭރު ބުނެފައެވެ.

ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓްގެ އިތުރުން ސްރީލަންކާގެ ޤައުމީ ޓީމުންވެސް މިކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ދެވަނަ ފަހަރަށް މުބާރާތުގެ ޝެޑިއުލް ވަނީ ބަދަލުކޮށްފައެވެ. ފަހުން ގެނައި ބަދަލާއެކު ރާއްޖެއަށް ދެ މެޗު ކުޅުމަށް ފަހު ތިންވަނަ މެޗަށް ނުކުތުމުގެ ކުރިން އެއްދުވަސް އަރާމު ކުރަން ލިބެއެވެ. އަދި ލީގު ބުރުގައި ކުޅޭ ފަހު މެޗުގެ ކުރިންވެސް އެއްދުވަސް އަރާމު ކުރަން ލިބެއެވެ.

ލީގު ބުރުގައި ސްރީ ލަންކާއާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސެގާތް ބުނީ، ބޫޓާން މެޗުގެ ކުރިން އެއްދުވަސް ބްރޭކް ގޮތުގައި ލިބުމަކީ ޓީމަށް ލިބުނު ފައިދާއެއް ކަމަށެވެ. އަދި އެމެޗަށް ފަހު ސެގާޓް ބުނީ އަމިއްލަ ބާރުގައި އަދިވެސް މުބާރާތުގައި ރަނގަޅު ވަނައެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތްކަމަށެވެ.

ގިނަ ބަޔަކު ހީކުރި ގޮތާއި ޙިލާފަށް ބޫޓާން އަތުން 1-2 އިން ރާއްޖެ ބަލިވި މެޗަށް ފަހު ޤައުމީ ކޯޗު ޕީޓަރ ސެގާޓްގެ ރާގު އަނެއްކާވެސް ވަނީ ބަދަލުވެފައެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ސެގާޓް ބުނީ، ހަތަރު ދުވަހުގެ ތެރޭ ތިން މެޗު ކުޅެން ޖެހެންޔާ ސީރިއަސް މެޗެއް ނުކުޅެވޭނެކަމަށާއި، މުބާރާތުގެ ޝެޑިއުލްވެސް އޮތީ ނޭޕާލްއަށް އައިރު ބަދަލުވެފައިކަމަށެވެ.

ސެގާޓް ބުނީ ނަތީޖާއާއި ދޭތެރޭ އެންމެވެސް ވާހަކަ ދައްކާނެ ކަމަށާއި، ނަމަވެސް އަރާމު ކުރަން 24 ގަޑިއިރަށްވުރެއް ގިނަ އިރު ނުލިބި ކޮލިޓީ ފުޓްބޯޅައެއް ނުކުޅެވޭކަމަށެވެ. އަދި މި މެޗުގައި ކުޅުންތެރިން ވަރަށް މަސައްކަތް ކުރިކަމަށާއި، ފުރަތަމަ ހާފުގައި ލިބުނު ފުރުޞަތު ތަކުގެ ބޭނުން ހިފުނުނަމަ މެޗު ކާމިޔާބުކުރެވުނީސްކަމަށް ސެގާޓް ވަނީ ބުނެފައެވެ. ސެގާޓް ބުނީ މި މެޗުގައި ބޫޓާނުން ރާއްޖެއަށް ރަނގަޅު ފައިޓެއް ދިން ކަމަށާއި، އެމީހުން ހޯދި ކާމިޔާބަށް މަރުޙަބާ ކިޔާކަމަށެވެ.

" ރާއްޖެ މި ކުޅެން ބޭނުންވާ ޕާސިން ގޭމު ކުޅެން އުނދަގޫ 4 ދުވަސް ތެރޭ 3 މެޗު ކުޅެން ޖެހޭއިރު. ސީރިއަސް ގޭމެއް ނުކުޅެވޭނެ 4 ދުވަސް ތެރޭ 3 މެޗު ކުޅެން ޖެހެންޏާ. އެންމެންވެސް ނަތިޖާއާއި ބެހޭގޮތުން ވާހަކަ ދައްކާއިރު، މުބާރާތައް އައިރު ޝެޑިއުލް މި އޮތީ ބަދަލުވެފައި. މިއީ ސީރިއަސްކޮށް ނެގޭނެ ގެމޭއް ނޫން." ސެގާޓް ބުންޏެވެ.

ގޭމްސްގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވެ، ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. ބާކީ އޮތީ ހޮނިހިރު ދުވަހު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ. އެ މެޗުން ރާއްޖެ މޮޅުވިޔަސް ނޭޕާލް ބާކީ އޮތް ބަންގްލަދޭޝް މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެއަށް ފައިނަލުން ފުރުޞަތެއް ނުލިބޭނެއެވެ.