ކުޅިވަރު

ކުއާޓާ ފައިނަލުން ބަލިވި ނަމަވެސް، ރަފާގެ މަސައްކަތަށް ސާބަސް!


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެނުންގެ ޓީޓީ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން އައިޝަތު ރަފާ ނާޒިމް ބަލިވި ނަމަވެސް، މި މެޗުގައި އޭނާ މޮޅު ކުޅުމެއް ދައްކައިފިއެވެ.

ސްރީ ލަންކާގެ އިޝާރާ މަދުރަންގީ އާއި ދެކޮޅަށް ކުޅުނު މި މެޗު އިޝާރާ މަދުރަންގީ ކާމިޔާބުކުރީ 4 ސެޓު 3 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ދޫ ދިނުމެއް ނެތި ކުޅުނު ފުރަތަމަ ސެޓު 14 ޕޮއިންޓު 16 ޕޮއިންޓުން ކާމިޔާބުކުރީ ލަންކާގެ ކުޅުންތެރިއާއެވެ.

ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ރަފާ އުއްމީދާއެކު ނުކުމެ 12 ޕޮއިންޓް 10 ޕޮއިންޓުން ދެވަނަ ސެޓު ކާމިޔާބުކުރިއެވެ.

މެޗުގެ ފުރަތަމަ ދެ ސެޓާއި އަޅާ ބަލާއިރު ތިންވަނަ ސެޓުގައި ރަފާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެގޮތުން ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަސޭހަކަމާއެކު ތިންވަނަ ސެޓު ކާމިޔާބުކުރީ 11 ޕޮއިންޓް 4 ޕޮއިންޓުންނެވެ.

ތިންވަނަ ސެޓުގައި ބޮޑު ތަފާތަކުން ރަފާ ސެމީ ފައިނަލަށް ދިއުމަށް ކުރަމުން އައި އުއްމީދު ކަނޑައެއް ނުލައެވެ. އެގޮތުން ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ހަތަރު ވަނަ ސެޓު ރަފާ ގެންދިޔައީ 14 ޕޮއިންޓް 12 ޕޮއިންޓުންނެވެ.

މި މެޗުގައި ކުޅުނު ފަސް ވަނަ ސެޓުގައިވެސް ރަފާއަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ. އެގޮތުން ލަންކާގެ އިޝާރާ މަދުރަންގީ ވަނީ ފަސޭހަކަމާއެކު ފަސްވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އެއީ 11 ޕޮއިންޓް 4 ޕޮއިންޓުންނެވެ.

ސިންގަލްސް އިވެންޓުގެ މެޗެއްގައި 7 ސެޓު ކުޅެން އޮންނައިރު މެޗު ކާމިޔާބު ވަނީ އެންމެ ފުރަތަމަ 4 ސެޓު ކާމިޔާބުކުރާ ކުޅުންތެރިއަކަށެވެ. އެގޮތުން މި މެޗުގެ ހަވަނަ ސެޓުގައި ރަފާ ވަނީ 11 ޕޮއިންޓް 8 ޕޮއިންޓުން ސެޓު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު އައުކޮށްފައެވެ.

ނަތީޖާ ނެރުމަށް ކުޅުނު ހަތްވަނަ ސެޓުގެ އަށްވަނަ ޕޮއިންޓާއި ހަމައަށް މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެއެވެ. ކޯޓުގައި ތިބި ގިނަ ބައެއްގެ ސަމާލުން ހުއްޓުނު މި މެޗު ލަންކާގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 11 ޕޮއިންޓް 8 ޕޮއިންޓުންނެވެ. 3 ޕޮއިންޓްގެ ތަފާތަކުން ރަފާ ބަލިވި ނަމަވެސް ޖުމްލަކޮށް މި މެޗުގައި ރަފާ ދެއްކި ކުޅުމަށް ތަޢުރީފް ހައްޤެއެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗު ބަލިވުމުން ރަފާއާއި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ފެންކަޅިވެފައެވެ. ނަމަވެސް ރާއްޖެއަށް ވުރެ ޓީޓީއަށް ވަރުގަދަ ޤައުމުތަކުގެ ކުޅުންތެރިންނާ ވާދަކޮށް ރަފާއާއި ދީމާ ދެއްކި ކުޅުން މާ ބޮޑަށްވެސް ރަނގަޅެއެވެ.

ރަފާގެ އިތުރުން އަންހެނުންގެ ސިންގަލްސް ކުއާޓަރ ފައިނަލުގައި ރާއްޖޭގެ ފާތިމަތު ދީމާ ޢަލީވެސް ވަނީ ވާދަކޮށްފައެވެ. ޓީޓީގެ ގަދަ ބާރު އިންޑިއާގެ އައިކާއާ ވާދަކޮށް މި މެޗުން ދީމާ ބަލިވީ 3 ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ސެޓުތައް އައިކައާ ގެންދިޔައީ، 11،6، 3-11 އަދި 6-11 ގެ އިތުރުން 3-11 އިންނެވެ.

މި މެޗުތަކާއެކު އަންހެނުންގެ ޤަޢުމީ ޓީމާއި އަދި ފިރިހެނުންގެ ޤައުމީ ޓީޓީ ޓީމު ވަނީ ސައުތް އޭޝިއަން ގޭމްސްއިން ކަޓާފައެވެ. ނަމަވެސް ޤައުމީ އަންހެން ޓީޓީ ޓީމު ވަނީ ޓީމު އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.

ރާއްޖޭގެ އަންހެނުންގެ ޤައުމީ ޓީޓީ ޓީމުން ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓުން ރަން މެޑަލް ހޯދާފައެވެ.