ޚަބަރު

70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުންގެ މައްސަލަ ކޯޓަށް


އިރާން ބޯޓެއްގައި ރާޢްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ފޮނުވައިފިއެވެ.

އިރާންގެ "އަލްޝަބާން" ނަމަކަށްކިޔާ ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި ޖުމްލަ 13 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި މައްސަލާގައި މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިރާންގެ ބޯޓު އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އޮކްޓޯބަރ 7 ވަނަ ދުވަހުއެވެ. މި މައްސަލަގައި "އަލްޝަބާން" ބޯޓުގެ އިތުރުން، މަސްތުވާތަކެތި ފެނުނު ބޯޓު ކައިރީގައި ޙަރަކާތްތެރިވި ދިވެހި ދޯންޏެއްކަމަށްވާ "ހޭދަކުރި-7"ގައި ހަރަކާތްތެރިވަމުންދިޔަ 4 މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެ ނެޓްވޯރކާއި ގުޅުންހުރި އިތުރު 3 މީހަކާއެކު އިރާންގެ ބޯޓުގައި ތިބި މީހުންނާއިއެކު ޖުމްލަ 13 މީހެއް ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހުން:

މި ބޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޢަލީ ސ. ހިތަދޫ ކޯޒީކޯނަރ އުމުރުން 35 އަހަރުގެ އަންވަރު މުޙައްމަދާއި ކ. ދިއްފުށި މާތިލަ އުމުރުން 42 އަހަރުގެ އަޙްމަދު ޝަކީބާއި ލ.ގަން ތުނޑި، މިލާނޯ އުމުރުން 23 އަހަރުގެ މުޙައްމަދު ރިޝްފާނުއެވެ.

އެބޯޓް ކައިރިއަށް ގާތްކުރި ދިވެހި ދޯނީގައި ތިބި ހަތަރު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ދޯނިން ހައްޔަރުކޮށްފައިވަނީ އާދަމް ކ. ދިއްފުށި އިރުމަތީގެ އުމުރުން 39 އަހަރުގެ އާދަމް މިޞްބާޙާއި ލ. ގަން ތުނޑި، އިޓްޖެހިގެ އުމުރުން 22 އަހަރުގެ މުޙައްމަދު އިނާޝާއި ބަންގްލަދޭޝް ދެ ރައްޔިތުންކަމަށްވާ ޢަލީ އަޙްމަދާއި ތުހުން އެވެ.

މަސްތުވާތަކެތި އެތެރެކުރި ބޯޓްގައި ތިބި ހަ މީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި ބޯޓުން އަތުލައިގަތް 70 ކިލޯގެ މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މިދިޔަ މަހުގެ 3 ވަނަދުވަހު އދ. މަންދޫގެ ބޭރުން އޮޔާ ދަނިކޮށް، ދިވެހި ސިފައިން އެހީވެދިން އިރާނުގެ މަސްބޯޓުންވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ