ޚަބަރު

ހޯމް މިނިސްޓްރީން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގައި ހަދިޔާ ބަހައިފި


މިއަހަރުގެ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ މީހުންނަށް ހަދިޔާ ބަހައިފިއެވެ.

މި ހަދިޔާތައް ބަހާފައި ވަނީ ރާއްޖޭގައި ދަރުމަވެރިކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކާއި ފަރުދީގޮތުން ދަރުމަވެރިކަމުގެ މަސައްކަތް ކުރާ ދަރުމަވެރިންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އައްބާސް މުހައްމަދު ވިދާޅުވީ ދަރުމަވެރިންގެ ދުވަސް ޤައުމީ ގޮތުން ފާހަގަކުރާ ދުވަހަކަށް މިނިސްޓްރީއިން ހަދާފައިވާކަމަށެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމަށް ދިވެހި ދަރުމަވެރިންނާއިއެކު ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގައި ހަދިޔާ ބަހައިފައިވާކަމަށެވެ. މީގެ އިތުރުން މި މަރުކަޒަށް އިތުރަށް ބޭނުންވާ ބައެއް ތަކެތި ހޯމް މިނިސްޓްރީގެ ފަރާތުން މަރުކަޒަށް ހަދިޔާކޮށްފައިވާކަން އައްބާސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޑީ ފްރީޒަރަކާއި، ވޯޓަރ ޑިސްޕެންސަރއެއް ހިމެނެއެވެ.

މި ހަރަކާތުގެ އިތުރުން ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން ޕެނަލް ޑިސްކަޝަންއެއްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދަރުމަވެރިންގެ ދުވަހެވެ. މިދުވަސް ފާހަގަކުރަން ނިންމާފައިވަނީ 1985 އަހަރުގެ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު އދ އިން ފާސްކުރި ޤަރާރަކުންނެވެ.