ޚަބަރު

ހުޅުމާލޭގައި އިތުރަށް މަގުބައްތި ޖަހައި ސީސީޓީވީ އިތުރު ކުރަނީ


ހުޅުމާލޭގައި އިތުރު މަގުބައްތި ޖަހައި، ސީސީޓީވީ ކެމެރާތައް އިތުރު ކުރުމަށް ނިންމާފައިވާ ކަމުގައި އެޗްޑިސީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭގައި އިތުރު މަގުބައްތި ޖެހުމުގެ މަޝްރޫއެއް މިހާރުވެސް ހިނގަމުން ދާކަމަށާއި، މީގެ އިތުރުން އިތުރު ސީސީޓީވީ ކެމެރާތައްވެސް ހަރުކުރުމަށް ރޭވިފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ރީތިގަސްމަގާއި ގުޅިފައިވާ ހަނި ގޯޅިއެއްގެ ތެރޭގައި، އދ. މާމިގިލީ، ގާސިމް ހަސަން (59އ) އަށް ހަމަލާާދީ މަރާލާފައި ވާއިރު، އެކަމާއި ގުޅިގެން އާއްމުންވެސް ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. މިގޮތުން ހުޅުމާލޭގެ މަގުތައް އަނދިރި ވުމާއި ސީސީޓީވީތައް މަދުކަމަށް ބުނެ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ނިޔާވި، ގާސިމް ހަސަންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭގެ އަމާންކަމާއި ރައްޔިތުންގެ ސަލާމަތަށް ވިސްނައި މިހާރުވެސް ސީސީޓީވީތައް ހަރުކޮށް އޮޕަރޭޓް ކުރަމުން ދާ ކަމަށެވެ.

"މިހާރު ގަސްދުކޮށްފައި އޮތީ މިއަންނަ އަހަރުވެސް އިތުރު ޕްރޮޖެކްޓްތައް ހިންގަން. މިގޮތުން އެޗްޑީސީން ސީސީޓީވީ ކެމެރާތައް ފޯރުކޮށް ދިނީމައި އެތަކެތި ހަރުކޮށް ބަލަހައްޓާނީ، ފުލުހުން. މީގެ އިތުރުން މަގުބައްތިތައް އިތުރުކުރުމަށްޓަކައި ބޭނުންވާ ތަކެތިވެސް މިހާރު ވަނީ ގެނެވިފައި." ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުޅުމާލޭގައި މިހާރުވެސް ސީސީޓީވީ 48 ކެމެރާ ހަރުކޮށްފައި ވާކަމަށާއި، އޭގެ ތެރެއިން 25 ކެމެރާ އަކީ ފުލުހުންނާއި ހަވާލުކޮށް ފުލުހުން އޮޕަރޭޓް ކުރަމުންގެންދާ ކެމެރާތައް ކަމަށެވެ.

އަދި އެޗްޑީސީން ބަލަހައްޓާ 23 ކެމެރާ އަކީ، ޕާކުތަކާއި އާއްމު ސަރަހައްދު ތަކުގައި ހަރުކޮށްފައިވާ ކެމެރާ ތަކެއް ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ.

ބުދަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލި ރީތި ގަސް މަގަކީ، ހުޅުމާލޭގައި މީހުން އާބާދުވެފައި ނުވާ އަދި މިހާރު އިމާރަތްކުރުމުގެ މަސައްކަތްތަކެއް ހިނގަމުން ގެންދާ ސަރަހައްދެކެވެ.