ޚަބަރު

ނާއިބު ރައީސް ފައިޞަލް ނަސީމް އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ނާއިބު ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކާއި ވަޞީލަތްތަކުގެ މަޢުލޫމާތުތައް ހޯއްދަވާފައިވެއެވެ. އަދި ޚާއްސަކޮށް އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ނިމްސް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ދިވެހި ރައްޔިތުންނަށް އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކާގުޅޭ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމްސް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ. 2007 ވަނަ އަހަރުން ފެށިގެން، ރާއްޖެއިން ގިނައަދަދެއްގެ ހިތުގެ ބަލިމީހުން އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެޤައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.