ޚަބަރު

ސަރުކާރުގެ ފުރަތަމަ އަހަރު 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވޭ - ކްލެމެންސީ ބޯޑު


ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ގައިދީއެއްގެ އަދަބު ލުއިކޮށްދިނުމަށް ނިންމާފައިވާކަމަށް ކްލެމެންސީ ބޯޑުން ހާމަކޮށްފިއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު އާންމުކޮށްފައިވާ ކްލެމެންސީ އެބޯޑުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން 17 ނޮވެންބަރު 2018 އިން ފެށިގެން ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވެއެވެ. އަދި 49 މީހަކަށް މަޢާފްކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފައިވާކަމަށް އެބޯޑުން ބުނެފައިވެއެވެ.

އޭޖީ އޮފީހުން މި ތަފާސް ހިސާބުތައް އާންމުކޮށްފައިވަމިވަނީ ދިގު މުއްދަތެއް ވަންދެން ޖަލުތަކުގައި ހުކުމް ތަންފީޒްކުރަމުން އަންނަ ޤައިދީންގެ ތެރެއިން ޕެރޯލް ހައްޤުވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް ޕެރޯލްގެ ޤާނޫނަށް މަޖިލީހުން އިޞްލާހު ގެންނަން ނިންމާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޤައިދީންނާ ގުޅޭ 12 ސިޓީއެއް އެމަނިކުފާނަށް އެކި ފަރާތްތަކުން ފޮނުވާފައިވާކަމަށާއި، އެ ޤައިދީންގެ އާއިލާތަކުން ޤައިދީންނަށް ލުއިގޮތެއް ހޯދައިދިނުމަށް އެމަނިކުފާނުގެ އަރިހުގައި އެދިވަޑައިގެންފައިވާކަމަށެވެ. އަދި ޤައިދީންނާއި ގުޅޭ މި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ޕެރޯލް ހައްގުވާ 200 އަށް ވުރެގިނަ ގައިދީން އެ ހައްގު ނުލިބި މިވަގުތުވެސް އެބަތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޢާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލްއެވެ. އެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އެޓަރނީ ޖެނަރަލްގެ އޮފީހުންނެވެ.