ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އަންހެނުްގެ ޓީޓީ ސިންގަލްސްގެ ކުއާޓާރއަށް ދީމާ އާއި ރަފާ


13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެންގެ، ޓީޓީ ސިންގަލްސް އިވެންޓްގެ ކުއާޓަރ ފައިނަލަށް ޢާއިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ ޢަލީ ދަތުރުކޮށްފިއެވެ.

ރަފާ އާއި ދިމާ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅު ވެގެންނެވެ.

އަންހެނުންގެ ސިންގަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރަފާ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ އިންޑިއާގެ އައިކާއާ ދެކޮޅަށެވެ. މި މެޗުގައި ރަފާގެ މައްޗަށް އައިކާ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 4-11، 2-11 އަދި 5-11 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ރަފާ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ބަންގްލަދޭޝްގެ ސަދިއާ ރަޙްމާނާއެވެ. މި މެޗު ސީދާ ތިން ސެޓުން ފަސޭހަ ކަމާއެކު ކާމިޔަބުކޮށް ރަފާ ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ރަފާ ސެޓުތައް ގެންދިޔައީ، 6-11، 5-11 އަދި 9-11 އިން އިންނެވެ.

މުބާރާތުގެ ސިންގަލްސް ކުއާޓަރ ފައިނަލަށް ދީމާ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ނޭޕާލްގެ ރަބީނާ މަހާރްޖަން 1-3 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 7-11 9-11 7-11 އަދި 7-11 އިންނެވެ.

ގްރޫޕު ސްޓޭޖުގައި ދީމާ ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާގެ އިޝާރާ އަތުން 1-3 ސެޓުން ވަނީ ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 11-13، 8-11 އަދި 4-11 ގެ އިތުރުން 2-11 އިންނެވެ.