ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ.
ހުޅުމާލޭގައި ހަމަލާދީ މަރާލާފައިވަނީ އދ. މާމިގިލީ ކަނީރޫމާގޭ ގާސިމް ހަސަން، 59 އަހަރުއެވެ. އެމީހާއަކީ ޓެކްސީ ޑްރައިވަރެއްކަމަށް ފުލުހުން މައުލުމާތުދެއެވެ.
ފުލުހުން ބުނީ މިރޭ 21:07 ހާއިރު ހުޅުމާލޭ ރީތިގަސް މަގުގައި، ޒަހަމްތަކަކާ އެކު އެމީހާ ވެއްޓިފައި އޮތްކަމުގެ މަޢުލޫމާތު ލިބުމާއެކު ފުލުހުން ވަގުތުން އެތަނަށްގޮސް އެމްބިއުލާންސްގައި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ ފަރުވާދެމުންދަނިކޮށް މިރޭ 21:50 ގައިކަމަށް ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތުދެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މަރުވި މީހާގެ ކަރަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަޚަމް ކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ މިކަން ތަޙްޤީޤު ކުރުމަށް ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނާއި ހިއްސާކުރުމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާތީ ހުޅުމާލެއާއި އެއަރޕޯޓަށް ދާ މީހުންނާއި ހުޅުމާލެއާއި އެއަރޕޯޓުން ދާ މީހުންނާއި ވެހިކަލްތައްވެސް ފުލުހުން ބަލާ ފާސްކުރަމުންދާކަމަށެވެ. އަދި މި ތަޙްޤީޤުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ފޮރެންސިކު ފުލުހުންވެސް ޙަރަކާތްތެރިވަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވަނީ މަރުވި މީހާގެ ފޮޓޯ ސޯޝަލް މީޑިއާ އާއި އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ނުކުރުމަށްވެސް އެދިފައެވެ.