ވިޔަފާރި

މިމަހުގެ ނިޔަލަށް ރަށްރަށުގެ ވަރުވާ ދައްކަން އަންގައިފި


މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ ވަރުވާ ދެއްކުމުގެ ސުންގަޑި ޑިސެމްބަރުމަހުގެ ނިޔަލަށް ހަމަވާނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ 2020 ވަނަ އަހަރުގެ ވަރުވާ ދެއްކުން ޑިސެމްބަރުމަހުގެ ނިޔަލަށް ހަމަވާތީ، 31 ޑިސެމްބަރުގެ ކުރިން މި ފައިސާ ދެއްކުމަށް އެދޭކަމަށެވެ.

ފަޅު ރަށްރަށުގެ ވަރުވާ ދައްކަވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. ވަރުވާ ދައްކަންދާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ކޮޕީ އެއް ގެންދަންޖެހެއެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

2020 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު ރަށަށް ދައްކަންޖެހޭ ވަރުވާ ނުދައްކާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރާނެކަމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއެވެ.