ޚަބަރު

ބޭރުގެ ބޯޓަކުން ގެއްލުނު ފަޅުވެރިއެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި


ބޭރުގެ ކޮންޓެއިނަރ އުފުލާ ބޯޓަކުން ގެއްލުނު ފަޅުވެރިއެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހޯދަމުންދަނީ ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލުން ދަތުރުކުރަމުންދިޔަ ބޭރުގެ ކޮންޓެއިނަރ އުފުލާ ބޯޓަކުން ދަތުރުކުރި، އެ ބޯޓުގެ ސެކަންޑް އޮފިސަރަކު ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 2 ވަނަ ދުވަހުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދޭގޮތުން ޔޫކުރެއިންއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މި ފިރިހެން މީހާ ގެއްލިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 13:30 ހާއިރުއެވެ. އޭރު ބޯޓު ދަތުރުރަމުން ދިޔައީ ސްރީލަންކާގެ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން، ދިވެހިރާއްޖެ އިރު އުތުރުން 322 ޏޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވިއެވެ.

ވީމާ، ރާއްޖޭގެ އުތުރާއި އަދި އިރު އުތުރުގެ ރައްތަކުންނާއި، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.