ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު އެއްވަރު


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަންގްލަދޭޝް ޖެހި ލަނޑަކީ ރާއްޖޭގެ ކެޕްޓަން އަކްރަމް ޢަބްދުޣަނީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށް ފަހު ރާއްޖެއިން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ފުރަތަމަ ހާފުގައި ރާއްޖެއަށް ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ހުސް ފުރުޞަތެއް ލިބުނީ ނާއިޒް ހަސަނަށެވެ. ނާއިޒް އޭރިޔާ ތެރެއަށްވަދެ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލު ބޭރުގެ އަރިމަތީ ދާގަނޑަށެވެ.

މެޗުގެ ދެވަނަ ހާފަށް ރާއްޖެއިން ނުކުތީ މުހައްމަދު ޖައިލަމްގެ ބަދަލުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ކުޅެން އަރުވައިގެންނެވެ. ދެވަނަ ހާފުގައި އެންމެ ފުރަތަމަ ރާއްޖެއަށް ލަނޑެއް ޖަހާނެ ފުރުޞަތު ލިބުނީ އިބްރާހިމް މަހުދީ ހުސައިނަށެވެ. ހަންނަ އޭރިޔާ ތެރޭގައި ހުރެ އިއްބެއަށް ޖައްސާލުމުން އޭނާ ފޮނުވާލި ބާރު ޙަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ 59ވަނަ މިނެޓުގައި ނާއިޒް ހަސަން ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރ އަތުގައި ޖެހި އޭރިޔާ ތެރެއަށް ބޯޅަ ވެއްޓުމުން މަހުދީ ކުރިޔަށް ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެއެވެ.

މި މެޗުގައި ރާއްޖެއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 70ވަނަ މިނެޓުގައެވެ. މި ލަނޑު އިބްރާހިމް މަހުދީ ހުސައިން ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒު ހަސަންގެ އެހީތެރިކަމާއެކުއެވެ. އަދި މި ލަނޑު ޖެހި ފަހުން ގާތްގާތުގައި ރާއްޖެއަށް ވަނީ ލީޑު ނަގަން ފުރުޞަތުވެސް ލިބިފައެވެ. އަދި އޭގެ ފަހުން ބަންގްލަދޭޝަށް ޕެނަލްޓީ އޭރިޔާ ބޭރުންވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ގޯލުގެ އަރިމަތީކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ރާއްޖޭގެ ކީޕަރ ހުސައިން ޝަރީފް ވަނީ ހުޝިޔާރު ކަމާއެކު ދިފާޢުކޮށްފައެވެ.

މި މެޗުގެ ކުރިން ރާއްޖެ ކުޅުނު މެޗުގައި ސްރީ ލަންކާއާ ކުޅެ 0-0ން ވަނީ އެއްވަރުވެފައެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.