ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އަންހެނުންގެ ޤައުމީ ޓީޓީ ޓީމަށް ލޯ މެޑަލް


13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ބައިން ރާއްޖޭގެ އަންހެނުންގެ ޤައުމީ ޓީޓީ ޓީމަށް ލޯ މެޑަލް ލިބިއްޖެއެވެ.

ރާއްޖޭގެ ޓީޓީ ޓީމަށް ލޯ މެޑަލް ލިބުނީ އަންހެނުންގެ ޓީމު އިވެންޓްގެ ސެމީ ފައިނަލަށް ދަތުރުކުރުމުންނެވެ. މުބާރާތް ރޭވިފައި އޮތް ގޮތުން ސެމީ ފައިނަލަށް ދަތުރުކުރާ ދެ ޓީމަށްވެސް ލޯ މެޑަލް ލިބޭނެއެވެ.

އަންހެނުންގެ ޓީމު އިވެންޓްގެ ސެމީ ފައިނަލުގައި ރާއްޖެ ނުކުތީ ސްރީ ލަންކާ އާއި ދެކޮޅަށެއެވެ. މި މެޗުގައި ލަންކާއިން ވަނީ ސީދާ 0-3 އިން ރާއްޖޭގެ މައްޗަށް ކުރި ހޯދާފާއެވެ.

މި މެޗުގެ ފުރަތަމަ ޓައިގައި ރާއްޖޭން ކުޅެން ނުކުތީ ފާތިމަތު ދީމާ ޢަލީއެވެ. ފުރަތަމަ ޓައިގައި ދީމާގެ މައްޗަށް ލަންކާގެ އެރަންދީ ކުރި ހޯދީ 1-3 އިން ނެވެ. ފުރަތަމަ ޓައިގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު ކާމިޔާބުކުރީ ލަންކާގެ ކުޅުންތެރިޔާއެވެ. އެއީ 4-11 އަދި 10-12 އިންނެވެ. ނަމަވެސް ޖެހިގެން އައި 3 ވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ދީމާ ވަނީ 12-14 އިން ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ލަންކާއިން މެޗުގެ ފުރަތަމަ ޓައި ކާމިޔާބުކުރީ ހަތަރު ވަނަ ސެޓުގައި 11-13 އިން ދީމާ ބަލި ކުރުމަށްފަހުއެވެ.

މި މެޗުގެ ދެވަނަ ޓައިގައި ލަންކާގެ އިޝާރާ އާއި ދެކޮޅަށް ރާއްޖޭން ކުޅެން ނުކުތީ އައިޝަތު ރަފާ ނާޒިމެވެ. މި ޓައިގައި ރަފާގެ މައްޗަށް އިޝާރާ ކުރި ހޯދީ 1-3 އިން ނެވެ. އެގޮތުން ދެވަނަ ޓައިގެ ފުރަތަމަ ސެޓުގައި ފަސޭހަކަމާއެކު 6-11 އިން އިޝާރާ ވަނީ ރަފާ ބަލިކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ސެޓުގައި ރަފާ ވަނީ ކުޅުން ރަނގަޅުކޮށް 10-12 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ޓައިގައި ކުޅުނު ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓު އިޝާރާ ކާމިޔާބުކުރީ 3-11 އަދި 6-11 އިންނެވެ.

މެޗުގެ ތިންވަނަ ޓައިގައި ލައިސާ ފަތުހުﷲ ނުކުތީ ލަންކާގެ ޕުއިސިލާ ދެކޮޅަށެވެ. މި ޓައިވެސް ލަންކާއިން ކާމިޔާބުކުރީ 1-3 އިން ނެވެ. ތިންވަނަ ޓައިގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ލައިސާ ކާމިޔާބުކުރީ 10-12 އިން ނެވެ. ނަމަވެސް ޖެހިގެން އައި 3 ސެޓުގައިވެސް ލައިސާއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ. އެގޮތުން ދެވަނަ ސެޓު 6-11 އިން، ތިންވަނަ ސެޓު 8-11 އިން އަދި ހަތަރު ވަނަ ސެޓު 4-11 އިން ކާމިޔާބު ކުރީ ލަންކާގެ ޕުއިސިލާ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ އަންހެނުންގެ ޤައުމީ ޓީޓީ ޓީމު ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެއެވެ. ޤައުމީ ޓީމު ވަނީ މިއަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދާފައެވެ.