ޚަބަރު

ޓެރެރިޒަމްގެ ބޮޑެތި ތުޙުމަތުތަކަކާއެކު އަމީންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި


ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ސިޓީ، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީނަކީ ގިނަ ދުވަސްވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާޢަތްތަކަށާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވުމުގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމަށް ހިތްވަރުދޭކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އަދި ޓެރަރިސްޓްގެ ހަރަކާތްތަކަށް ވާގިވެރިވުމުގެގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯރޓު ދިނުމާއި، ދުނިޔޭގެ އެކި ޤައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމަޢާތްތަކުގެ އިސްފަރާތްތަކާއި ގާތްގުޅުމެއް ބާއްވާ، އެފަދަ ޖަމާޢަތްތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި މުޙައްމަދު އަމީން އިސްކޮށް ހަރަކާތްތެރިވާކަމަށް ތުޙުމަތުކުރެވޭކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަމީންގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ ފުރަތަމަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މ. ވޯލްނަޓްގެ އިންނެވެ. އަމީންއަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެންވެސް ފުލުހުން ހޯދި މީހެކެވެ. އަދި އޭނާ ހޯދުމަށް 2011 ވަނަ އަހަރުގެ ތެރޭގައި އިންޓަރޕޯލް މެދުވެރިކޮށް ރެޓްނޯޓިސްވެސް ނެރެފައިވެއެވެ.