ޚަބަރު

އެއަރޕޯޓު ޕޮލިސް ޕޯސްޓް ރަސްމީކޮށް ފުލުހުންނާ ހަވާލުކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އިން ޤާއިމުކުރި އެއަރޕޯޓް ޕޮލިސް ޕޯސްޓް ރަސްމީކޮށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިޔާތުގައި އެއަރޕޯޓް ޕޯސްޓް ރަސްމީކޮށް ހުޅުވައިދެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފާއި، އެމް.އޭ.ސީ.އެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފް ދެއްކެވި ވާހަކައިގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމަކާއި ފަސޭހައެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އެއަރޕޯޓަކީ ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތްތައް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހު ދެއްކެވި ވާހަކަފުޅުގައި، އެމް.އޭ.ސީ.އެލްގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެފަރާތް ގުޅިގެން އަބަދުވެސް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން އެއްގަމު އުޅަނދު ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ޕާކިންޒޯނުގައި ބިލްބޯޑު އިފްތިތާހު ކޮށްފައިވެއެވެ. މި ބިލް ބޯޑުގައި ވަނީ އެއްގަމު އުޅަނދަށް ރައްކާތެރިވުމާ ގުޅޭ މެސެޖުތައް ލިޔެފައެވެ.