ޚަބަރު

އަލީ ޔޫސުފްއާއި، މަރިޔަމް ވަހީދާއި ޤައިސް ބްރޯޑްކޮމްއަށް


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، އެމްބީސީގެ މެންބަރުކަމަށް 3 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުން ދީފައިވަނީ ޢަލީ ޔޫސުފްއާއި މަރްޔަމް ވަޙީދާއާއި އަޙުމަދު ޤައިޞުއަށެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް 4 ބޭފުޅަކު ޢައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ތިން ފަހަރެއްގެމަތިން 42 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައިވެއެވެ. އެގޮތުން ބްރޯޑްކޮމްގެ މެންބަރުކަމުން އިސްމާޢީލް ޞަފްޢާނާއި ޙަސަން ނަބާހު އިސްތިއުފާދެއްވުމުން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 36 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އަދި ބްރޯޑްކޮމްގެ ރައީސް މުޙައްމަދު ޝަހީބު އިސްތިއުފާދެއްވުމާއިގުޅިގެން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން 4 ނަންފުޅެއް މަޖިލީހަށް ފޮނުއްވެވިއެވެ.

ބްރޯޑްކާސިންގ ކޮމިޝަންގެ ނާއިބު ރައީސް ފާޠިމަތު ޒައިނާ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުން އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވެވިއެވެ. ނަމަވެސް އެ ނަންފުޅުތައް ކޮމިޓިން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ވަނީ މީގެ ތެރެއިން އެއްވެސް ބޭފުޅަކު ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަން ނުކުރެއްވުމަށް ނިންމާފައެވެ. އެރިޕޯޓް ވަނީ މަޖިލީހުގެ އަޤްލަބިއްޔަތުން މިއަދު ފާސްކޮށްފައެވެ.