ޚަބަރު

ބޮޑު ތިން މަރުގެ މައްސަލާގައި މަޒީދާއި ސާމިތުގެ މައްޗަށް ދައުވާކުރަނީ


ޑރ އަފްރާޝިމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވާ އެކަންކުރުވި ކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވިދާޅުވީ، ޑރ.އަފްރާޝިމް ޢަލީއާއި، އަޙްމަދު ރިޟްވާންއާއި ޔާމީން ރަޝީދު މަރާލަން ރާވާ އެކަން ކުރިކަމަށް ތުހުމަތުކުރާ މުޙައްމަދު މަޒީދާއި، ސާމިތު މުޙައްމަދުގެ މައްޗަށް ދައުވާކުރަންޖެހޭ ކަންކަން ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވުމަށް ނިންމާފައިވާކަމަށެވެ. އަދި މި މީހުންނަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މަރުތައް ތަޙްޤީޤްކުރާ ރިޔާސީ ކޮމިޝަނުން ޑރ.އަފްރާޝިމް ޢަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލަ ތަޙްޤީޤްކޮށް ޢާންމުކުރި ރިޕޯޓްގައި ވަނީ މަޒީދުއާއި ސާމިތުއަކީ ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރާ އޭގެ ސެލްތައް ރާއްޖޭގައި ހިންގާ ފަރާތްތަކެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެމީހުންނަކީ ރާއްޖޭގައި ހިންގާ އަލްޤައިދާ ގޮފި ހިންގާ ބައެއްކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޑރ.އަފްރާޝީމްއާއި، ޔާމީން ރަޝީދާއި، އަޙްމަދު ރިޟްވާން މަރުގެ މައްސަލާގައިގެ އަޑީގައި ވަނީ ހަރުކަށި ފިކުރުކަމަށްވެސް ވަނީ ބުނެފައެވެ. އަދި އަލްޤައިދާގެ ގޮފި ރާއްޖޭގައި ހިންގަނީކުދިކުދި ސެލްތަކެއްގެ ގޮތުގައިކަމަށްވެސް މަރުކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.