ކުޅިވަރު

ސައުތް އޭޝިއަން ގޭމްސް: ޕާކިސްތާން ބަލިކޮށް ޤައުމީ އަންހެން ޓީޓީ ޓީމު ސެމީއަށް


ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ޓީޓީ ޓީމް އިވެންޓްގެ ސެމީ ފައިނަލަށް ދިވެހިރާއްޖެ ދަތުރުކޮށްފިއެވެ.

ރާއްޖޭގެ ޤައުމީ އަންހެން ޓީޓީ ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ޕާކިސްތާނުގެ މައްޗަށް 1-3 އިން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ އިންޑިއާއެވެ. ރާއްޖެ ސެމީ ފައިނަލަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިއީ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ޓީޓީ ޓީމް އިވެންޓުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރަކަން ފާހަގަކޮށްލެވެއެވެ.

ސެމީ ފައިނަލުގައި ރާއްޖެ ނުކުންނާނީ ލަންކާއާއި ދެކޮޅަށެވެ. ނޭޕާލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ އެ ޤައުމު ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖެއިން ކުޅުން ނުކުތީ އައިޝަތު ރަފާ ނާޒިމްއެވެ. ރަފާ އާއި ދެކޮޅަށް ޕާކިސްތާނުން ނުކުތީ ސަނަމްއެވެ. އެގޮތުން ރަފާ ވަނީ މެޗުގެ ފުރަތަމަ ގޭމުގައި ސަނަމްގެ މައްޗަށް 0-3 އިން ކުރި ހޯދާފައެވެ. ފުރަތަމަ ގޭމުގެ ސެޓުތައް ރަފާ ގެންދިޔައީ 5-11، 9-11 އަދި 8-11 އިންނެވެ

މެޗުގެ ދެވަނަ ގޭމުގައި ޕާކިސްތާންގެ ސަނާއާއި ދެކޮޅަށް ރާއްޖެއިން ނުކުތީ ފާތިމަތު ދީމާ ޢަލީއެވެ. މި ގޭމު ދީމާ ކާމިޔާބުކުރީ 1-3 އިންނެވެ. ދެވަނަ ގޭމުގެ ފުރަތަމަ ސެޓު 10-12 އިން ދީމާ ކާމިޔާބުކުރިއިރު ދެވަނަ ސެޓުގައި ޕާކިސްތާންގެ ސަނާ ވަނީ 5-11 އިން ދީމާގެ މައްޗަށް ކުރި ހޯދާފައެވެ. ނަމަވެސް ޖެހިގެން އައި ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ދީމާ ވަނީ ކުޅުން ރަނގަޅުކޮށް އެ ދެ ސެޓުވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން ތިންވަނަ ސެޓު 7-11 އިން ކާމިޔާބުކުރިއިރު ހަތަރު ވަނަ ސެޓު ދިމާ ކާމިޔާބުކުރީ 3-11 އިންނެވެ.

މި މެޗުގެ ތިންވަނަ ގޭމުގައި ރާއްޖެއިން ކުޅެން ނުކުތީ ލައިސާ ފަތުހުﷲއެވެ. ލައިސާއާއި ދެކޮޅަށް ޕާކިސްތާން ޓީމުން ނުކުތީ ފަރުވާއެވެ. މި ގޭމު ލައިސާ ކާމިޔާބުކުރީ 1-3 އިންނެވެ. ތިންވަނަ ގޭމުގެ ފުރަތަމަ ސެޓުގައި ލައިސާ ވަނީ 7-11 އިން ބަލިވެފައެވެ. ނަމަވެސް ދެވަނަ ސެޓުގައި ފަރުވާގެ މައްޗަށް 10-12 އިން ލައިސާ ވަނީ ކުރި ހޯދާފައެވެ. ގޭމުގެ ތިން ވަނަ ސެޓު 8-11 އިން ލައިސާ ކާމިޔާބުކުރިއިރު، ހަތަރު ވަނަ ސެޓުގައި 5-11 އިން ފަރުވާ ވަނީ ލައިސާ ބަލިކޮށްފައެވެ. ފަސް ވަނަ ސެޓު ފަރުވާ ކާމިޔާބުކުރީ 11-7 އިންނެވެ.

ރާއްޖޭން ހަތަރު ވަނަ ގޭމަށް ނުކުތީ ދީމާ އެވެ. ދީމާއާ ދެކޮޅަށް ޕާކިސްތާނުން ނެރުނީ ފުރަތަމަ ގޭމްގައި ރަފާ އަތުން ބަލިވި ސަނަމް އެވެ. ސަނަމް ވަނީ ފުރަތަމަ ގޭމް 13-15 އިން ގެންގޮސްފަ އެވެ. އެކަމަކު ފަހަތުން އަރައި ދީމާ ވަނީ ދެން ކުޅުނު ތިން ސެޓު ވެސް ރާއްޖެ އަށް ގެންގޮސްދީ ސެމީގެ ޖާގަ ޔަގީންކޮށްދީފަ އެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-07، 11-08 އަދި 11-04 އިންނެވެ.