ކުޅިވަރު

ސައުތު އޭޝިޔަން ގޭމްސް: 100 މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު


ސައުތު އޭޝިޔަން ގޭމްސްގައި 100 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ޖާގަ ހޯދައިފިއެވެ.

100 މީޓަރު ދުވުމުގައި އެންމެ ފަހުން ބޭއްވި ގޭމްސްގައި ރިހިމެޑަލް ހޯދި ސާއިދު ފައިނަލަށް ދިޔައީ ހީޓުން ތިންވަނަ ހޯދައިގެންނެވެ. ސާއިދަށް މި ހީޓް ނިންމާލެވުނީ 10.66 ސިކުންތުންނެވެ. ރޭހުގެ އެއްވަނަ ލަންކާގެ ހިމާޝާ އީޝާން ރޭސް ނިންމާލީ 10.51 ސިކުންތުންނެވެ. ދެވަނަ ހޯދީ އިންޑިޔާގެ ގުރުންދެރިވް ސިން އެވެ. އޭނާ ރޭސް ނިންމީ 10.60 ސިކުންތުންނެވެ.

މި ހީޓްގައި ސާއިދާއި އެންމެ ވާދަކުރި ލަންކާގެ ދުވުންތެރިޔާ ހިމާޝާ އިޝާން ވަނީ މިދިޔަ ފަހަރުގެ ގޭމްސްގައިވެސް ސާއިދާ ވާދަކޮށްފައެވެ. ސާއިދު ރިހިމެޑަލް ހޯދި އިރު އެފަހަރުވެސް ހިމާޝާ ރޭސް ނިންމާލީ އެއްވަނާގައެވެ. 2015 ވަނަ އަހަރު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި މިހީޓްގައި 10.51 ސިކުންތުން ރޭސް ނިންމާލައިގެން ސާއިދު ވަނީ ރަންމެޑަލް ހޯދާފައެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ އެތުލީޓަކަށް ލިބުނު ފުރަތަމަ ރަންމެޑަލެވެ.