ޚަބަރު

ޕީޖީގެ މަޤާމަށް ޝަމީމް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި


ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ޙުސެއިން ޝަމީމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ތިން ބޭފުޅުންގެ ތެރެއިން ރުހުން ހޯދެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވި ޝަމީމްގެ ނަންފުޅު އެކަންޏެވެ. ޖުޑީޝިއަރީ ކޮމިޓިން ރޭ ވަނީ ޝަމީމްއާއި އިންޓަރވިއުކޮށް އޭނާއަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ ޝަރުޢީ ދާއިރާއާއި، ޖިނާޢީ ޢަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ގުޅޭ ގިން ސުވާލުތަކެއް ޝަމީމާއި ކުރިމަތިކުރުވާފައެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވީ މިނިވަންކަމާ އިންސާފްވެރި ރަނގަޅު ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް ބޭނުންފުޅުވާތީކަމަށެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނުބެލި ލަސްވަމުންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ އެ މައްސަލައަށް ޙައްލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންވެއްޖެނަމަ އަޅުގަނޑުގެ ތަސައްވުރަކީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓާންޖެހިއްޖެނަމަ ވީހާވެސް ކުރުމުއްދަތެއްގައި އޭނާ ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދިއުން." ޝަމީމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.