ކޯޓުން ބޭރުގައި ކައިވެނިކޮށް ވިހޭ 13 އަހަރުގެ އަންހެން ކުއްޖާއާއި އެކުއްޖާގެ އާއިލާގައި ހިމެނޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
13 އަަހަރުގެ އަންހެން ކުއްޖާ ވިހޭ މައްސަލަ ފެންމަތިވީ ލަނޑާ ދޯންނެއްގައި ތޫނު އެއްޗަކުން ހަމަލދީ މޫދަށް އެއްލާލި މައްސަލައިގެ ތެރެއިންނެވެ. އެ މާރާމާރީގައި ޒަހަމްވި ރ މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިސްމާއިލް ހައްމާދު އުޅޭނީ ކޯޓުން ބޭރުގައި 13 އަހަރުގެ މި ކުއްޖާއާއި ކައިވެނިކޮށްގެންކަން ވަނީ ހާމަވެފައެވެ. 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި ގުޅިފައިވާކަން ތަހުޤީގަށް އެނގެން ނެތްކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަަށް ގެނެސްފައިވަނީ، 13 އަހަރުގެ އަންހެން ކުއްޖާ އާއި އޭނާ ވިހޭ ދަރިފުޅުގެ އިތުރުން އެ އާއިލާގައި ހިމެނޭ އަނެއް 6 ކުދިންކަމަށެވެ. މި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.
ފުލުހުން ވިދާޅުވީ ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ މި އާއިލާގެ ކުދިންތަކަށް އެކުދިންގެ މައިން ބަފައިން އިހްމާލުވެ އެ ކުދިންނަށް ވެކްސިން ނުދީ ތައުލީމުން މަހްރޫމްކޮށް ފައިވާކަމަށެވެ. އަދި އެކުދިންނާމެދު އިހުމާލުވެފައިވާ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކުޑަކުއްޖަކާއި މެދު ގަދަކަމުން ޖިންސީ އަމަލު ހިނގި މައްސަލާގައި ހައްމާދު ހއްޔަރުކޮށްފައިވާކަން އިއްޔެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ތޭރަ އަހަރުގެ އަންހެން ކުއްޖާ ވިހޭ ދަރިފުޅުގެ ޑީއެންއޭ އާއި ހައްމާދުގެ ޑީއެންއޭ ދިމާވާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލާގައި ހައްޔރުކޮށްފައިވާ ހައްމާދަކީ ދީނީ ހަރުކަށީ ވިސްނުމުގެ މީހެއްކަން ތަހުޤީގަށް އެނގިފައިވާކަމާއި އޭނާއަކީ ކުށުގެ ރެކޯޑްތައް އޮތް މީހެއްކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ މަސައްކަތް ކުރާ ދޯނީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީވެސް ދީނީ ކަމެއްގައި ހިޔާލު ތަފާތުވެގެންކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.