ޚަބަރު

ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ކުތުބުޚާނާއަށް 75 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާ މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުހުސިންއެވެ. އަދި ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕއުޓީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަމީމެވެ.

މި އެެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރ އަޙްމަދު މުހުސިން ވަނީ އަންނަ އަހަރު ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރޭއިރު، މި މުނާސަބާ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި މި ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނާއި ހަމައަށް އެންމެ އެކަށޭނެގޮތުގައި ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުން ވަރަށް މުހިންމު. ޕީއެސްއެމްއިން މި މަޢުލޫމާތު އެންމެ އެކަށޭނަގޮތުގައި ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް." ޑެޕިއުޓީ މިނިސްޓަރ މުހުސިން ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާއިން ކުރި ޓުވީޓް

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވަނީ، ކުތުބުޚާނާގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތައް ވީއެންމެ ފުރިހަމައަކަށް ޕިއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޤައުމީ ކުތުބުޚާނާ އުފައްދާފައިވަނީ 1940 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ ރާއްޖެ މިނިވަން ދައުލަތަކަށް ބަދަލުވުމުގެވެސް އެތައް އަހަރެއް ކުރިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓް ގެ އިސްވެރިޔަކަށް ހުންނެވި މުޙައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި މި ޢިމާރާތައް އޭރު ނަން ދީފައިވަނީ ސްޓޭޓް ލައިބްރަރީ ގެ ނަމުންނެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.