ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ޓީޓީގައި ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމަށްވެސް ފުރަތަމަ މެޗުން ނާކާމިޔާބީ


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ޓީމް އިވެންޓްގައި ރާއްޖޭގެ ޤައުމީ އަންހެން ޓީމާއި އަދި ފިރިހެން ޓީމު މިއަދު ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ޓީޓީ މުބާރާތުގެ ޓީމު އިވެންޓްގެ މެޗުތައް ކުރިޔަށްދާއިރު، ޤައުމީ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ވަރުގަދަ އިންޑިއާ އާއި ދެކޮޅަށެއެވެ. މި މެޗުން ރާއްޖެ ބަލިވީ ސީދާ 0-3 އިންނެއެވެ.

ޤައުމީ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމް ނުކުތީ އިންޑިއާގެ ސުތިރްތާ މުކަރްޖީ އާއި ދެކޮޅަށެއެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ގޭމު އިންޑިއާގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 4-11 އިންނެއެވެ. އަދި ދެވަނަ ގޭމް ކާމިޔާބުކުރީ 3-11 އިންނެވެ. ނަމަވެސް ތިންވަނަ ގޭމުގައި ރަފާ ވަނީ ފުރަތަމަ ދެ ގޭމަށްވުރެއް ކުޅުން ރަނގަޅުކޮށްފައެވެ. ތިންވަނަ ގޭމުން ރަފާ ބަލިވީ 8-11 އިންނެވެ.

އަންހެން ޓީމު ކުޅުނު ދެވަނަ މެޗުގައި އިންޑީއާގެ ކިރިތްވިކާ އާއި ދެކޮޅަށް ރާއްޖެއިން ނުކުތީ ފާތިމަތު ދީމާ ޢަލީ އެވެ. މި މެޗުގެ ފުރަތަމަ ގޭމު އިންޑިއާގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 6-11 އިންނެވެ. އަދި ޖެހިގެން އައި ދެވަނަ ގޭމާއި ތިންވަނަ ގޭމު ފަސޭހަ ކަމާއެކު ކިރިތްވިކާ ކާމިޔާބުކުރީ 2-11 އިންނެއެވެ.

ތިންވަނަ މެޗުގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ނުކުތީ އިންޑިއާގެ މުދުރިކާ އާއި ދެކޮޅަށެއެވެ. މި މެޗުގެ ފުރަތަމަ ގޭމު 4-11 އިން އިންޑިއާގެ ކުޅުންތެރިޔާ ކާމިޔާބުކުރި އިރު، ދެވަނަ ގޭމު އެޓީމުން ކާމިޔާބުކުރީ 5-11 އިންނެވެ. އަދި ތިންވަނަ ގޭމު ފަސޭހަކަމާއެކު 3-11 އިން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޤައުމީ އަންހެން ޓީޓީ ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ، އިންޑިއާއަކީ ރާއްޖެއާއި އަޅާ ބަލާއިރު އެހެން ލެވެލްއެއްގެ ޓީމެއް ކަމަށާއި، މި ސަރަހައްދުގެވެސް އެންމެ ވަރުގަދަ ޓީމުކަމަށެއެވެ. ޝިއުރީ ބުނީ މި މެޗާއި ދޭތެރޭ މާ ބޮޑަށް ނުވިސްނާ ކަމަށާއި، ޓާގެޓަކީ މާދަމާ ޕާކިސްތާނައި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރުން ކަމަށެއެވެ. އަދި މި މެޗު ކާމިޔާބުކުރެވިއްޖެ ނަމަ ލޯ މެޑަލް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ޝިއުރީ ބުންޏެވެ.

އަންހެން ޤައުމީ ޓީމުގެ އިތުރުން ޤައުމީ ފިރިހެން ޓީޓީ ޓީމުވެސް ވަނީ ޓީމު އިވެންޓްގެ ފުރަތަމަ މެޗު މިއަދު ކުޅެފައެވެ. އެގޮތުން ސްރީ ލަންކާއާއި ވާދަކޮށް ރާއްޖެ ބަލިވީ ސީދާ 0-3 އިންނެވެ.

ފިރިހެން ޓީމު އިވެންޓްގެ ފުރަތަމަ މެޗުގައި ރާއްޖެއިން ކުޅެން ނުކުތީ މޫސާ މުންސިފް އަޙުމަދުއެވެ. މި މެޗުންގެ ގޭމުތައް ދިޔައީ 8-11 ، 9-11 އަދި 8-11 އިންނެވެ. ފުރަތަމަ ގޭމު ލަންކާގެ ކުޅުންތެރިޔާ ފަސޭހަކަމާއެކު ކާމިޔާބުކުރި ނަމަވެސް ދެވަނަ ގޭމުގައި މުންސިފް ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މި ގޭމު ދިޔައީ 7-11، 15،11 އަދި 7-11 ގެ އިތުރުން 6-11 އިންނެވެ. މެޗުގެ ފަހު ގޭމުގައި މުހައްމަދު ޒީޒްސްތް ނަސީމްގެ މައްޗަށް ލަންކާގެ ކުޅުންތެރިޔާ ވަނީ ފަސޭހަ ކަމާއެކު ކުރި ހޯދާފައެވެ. މި ގޭމު ލަންކާގެ ކުޅުންތެރިޔާ ކާމިޔާބުކުރީ، 4-11، 8-11 އަދި 8-11 އިންނެއެވެ.