ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށަނީ

ހދ.ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކުގެ އަމަލީ މަސައްކަތް މި މަހުގެ ފަސް ވަނަ ދުވަހު ފަށާނެ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ހުރި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ބޭނުންވާ ސުޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ޑޮކްޓަރުންނާއި އިންޓަވިއުކޮށް ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެ އިތުރުން އެމްއާރުއެމްގެ ހިދުމަތް ފެށުމާއި މެމޮގްރަފީ އާއި ހިދުމަތްފެށުމަށް ބޭނުންވާ ސާމާނު ގެނައުމަށް މިހާރު ވަނީ ހަވާލުކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕޮޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން މާލެ ނުފޮނުވައި އެ ހޮސްޕިޓަލުގައި ފަރުވާ ދެވޭ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް 100 އެނދުގެ އާ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރު ވަނީ އެކަމަށް ކުރަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަކި ވަކި މެމްބަރުން ކުރެއްވި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިސްކަން ދެނީ ހަމައެކަނި އިމާރާތެއް އެޅުމަށް ނޫން ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން ސްކޭން ކުރުމުގެ ޚިދުމަތާއި ލެބޯޓަރީގެ ޚިދުމަތް މީގެ ކުރިން ނުލިބޭ ރަށްރަށުން ލިބޭނެ ގޮތް ހަމަ ޖެއްސުމާއި 24 ގަޑިއިރު ޚިދުމަތް ދޭ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި މަދުވެގެން ދެ ޑޮކްޓަރުން ބޭތިއްބުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.