ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އަންހެނުންގެ ޤައުމީ ފުޓުބޯޅަ ޓީމު ނޭޕާލަށް ފުރައިފި


ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް އަންހެންނުންގެ ޤައުމީ ފުޓުބޯޅަ ޓީމު ނޭޕާލަށް ފުރައިފިއެވެ.

ގްރޭޓާ މާލެ ބަސް ޓާމިނަލުން ޤައުމީ ޓީމަށް ހިތްވަރުދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނެވެ. ޓީމު ނޭޕާލަށް ފުރުމުގެ ކުރިން މީޑިއާތަކާއި ވާހަކަ ދައްކަމުން ޓީމުގެ ހެޑްކޯޗް އަޙްމަދު ނާޝިދު ބުނީ، ގޭމްސަށް ޓީމު މިހާރު އޮތީ ތައްޔާރުވެފައި ކަމަށާއި މި ފަހަރުގެ އަމާޒަކީ މެޑަލެއް އަޅައިގެން އެނބުރި ޤައުމަށް އައުން ކަމަށެވެ. އެގޮތުން ޓީމު އެންމެ ފުރަތަމަ މަސައްކަތް ކުރާނީ ތިންވަނައަށް ވާސިލްވާން ކަމަށް ނާޝިދު ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމު ދުބާއީގައި ކުރިއަށްގެންދިޔަ ޓްރެއިނިންގ ކޭމްޕަށް އަލިއަޅުވާލައި ނާޝިދު ބުނީ، ކޭމްޕުގައި ވަރަށް ރަނގަޅު ޓްރެއިނިންގ ސެޝަންތަކެއް ކުރިއަށްގެންދެވުނު ކަމަށާއި، ކޭމްޕުގެ ތެރެއިން ޔޫއޭއީގެ ޤައުމީ ޓިމާއިއެކު އެއްވަރުކުރި މެޗަށްފަހު ޓީމު އޮތީ ވަރަށް މޯޓިވޭޓްކޮށް ކަމަށެވެ. ނާޝިދު ބުނީ، މެޗުއޮންނަ ތާރީޚުގެ އެންމެ ދުވަހެއް ކުރިން ނޭޕާލަށް ދެވުމަކީ ޗެލެންޖެއް ކަމަށާއި ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭކަމަށެވެ.

"މުބާރާތުގަ އަޅުގަނޑުމެންގެ ޓާގެޓަކީ މެޑަލެއް ހޯދުން، އެންމެ ފުރަތަމަ މަސައްކަތް ކުރާނީ ތިންވަނައަށް ވާސިލްވާން، އެއައްވުރެ ކުރިއަށް ދެވިއްޖެނަމަ އެއީ ބޯނަހެއް. ޓިމު ދެރައެއް ނުވާނެ، ވަރަށް ތައްޔާރަށް މިއޮތީ، ޓްރެއިނިންގ ކޭމްޕުގެ ބޭނުންވެސް އެންމެ ފުރިހަމައަށް ހިފައިގެން ޓީމު އޮތީ".. ކޯޗް ނާޝިދު ބުންޏެވެ.

މުބާރާތުގައި، އަންހެނުންގެ ޤައުމީ ފުޓުބޯޅަ ޓީމު ވާދަކުރާ ފުރަތަމަ މެޗުގައި ނުކުންނާނީ މާދަމާ، ސަރަހައްދީ ގަދަބާރު އިންޑިއާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ނުކުންނާނީ މިމަހުގެ 5ވަނަ ދުވަހު، މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި މިމަހުގެ 7ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ.