ވިޔަފާރި

ގޯ އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި


ގޯ އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ގޯ އެއަރގެ ދަތުރުތައް އިއްޔެ ރާއްޖެއަށް އަލުން ފަށާފައިވާއިރު އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ގޯއެއަރގެ އިސްވެރިންނާއި، އެމްއޭސީއެލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ގޯއެއަރއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވާއިރު، އެ އެއަރލައިނުން އިންޑިއާގެ 3 ސިޓީއަކުން ރާއްޖެއަށް ދަތުރުތައް ބާއްވާނެއެވެ. އެއީ މުމްބާއީ، ދިއްލީ އަދި ބެންގަލޫރެވެ.

މުމްބާއީއިން މާލެއަށް ކޮންމެ ހަފްތާއެއްގެ ބުދަ، ބުރާސްފަތި އަދި އާދިއްތަ ދުވަހަކު ދަތުރުތައް ކުރާނެއެވެ. ދިއްލީން ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު ދަތުރުތައް ކުރާއިރު، ބެންގަލޫރުން ކޮންމެ ބުދަ އަދި އާދިއްތަ ދުވަހަކު ދަތުރުތައް ކުރާނެއެވެ.

ގޯއެއަރއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެ އެއަރލައިންއިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މިއަހަރުގެ ޖުލައިމަހުން ފެށިގެން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މި ދަތުރުތަކަށް ވޮޔޭޖަސް މޯލްޑިވްސް މެދުވެރިކޮށް މިހާރުވެސް ޓިކެޓް ބުކް ކުރެވޭނެއެވެ.

ގޯ އެއަރގެ ދަތުރުތައް އަލުން ފެށުމާއިއެކު އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ގޯ އެއަރއަކީ އިންޑިއާގެ މުމްބާއިގައި ޤާއިމުކޮށް ހިންގާ އެއަރލައިނެކެވެ. މިއީ އިންޑިއާގައި ފަސް ވަނަ އަށް އެންމެ ބޮޑު އެއަރލައިނެވެ.