ޚަބަރު

ފެނާއި ނަރުދަމާގެ މަހާސިންތާއެއް ބާއްވަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެނާއި ނަރުދަމާގެ މަހާސިންތާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ އެކުންފުނިން ކުރިއަށްގެންދިޔަ އިންޖިނިއަރިން މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ މިމަހާސިންތާ ވެގެންދާނީ ޒަމާނީ ތަފާތު ގިނަ ކަންތައްތަކާއެކު ބާއްވާނެ މަހާސިންތާއަކަށް ކަމަށާއި މި މަހާސިންތާގެ މަސައްކަތް މިހާރު ބާރުމިނުގައި ކުރިއަށްދާކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ އިންޖިނިއަރިން މަހާސިންތާގެ ކާމިޔާބަށްފަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެނާއި ނަރުދަމާގެ މަހާސިންތާއެއް ބާއްވާނެކަން މިއަދު އަޅުގަނޑު އިއުލާންކުރަން ބޭނުން." އަހުމަދު ސައީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އިންޖިނިއަރިން މަހާސިންތާއިން ރާއްޖޭގެ އިންޖިނިއަރިން ދާއިރާ ކުރިއެރުވުމަށް ހުރި ހުރަސްތައް ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެކަމަށެވެ. އަދި މިމަހާސިންތާއިން ފާހަގަވި ކަންކަން ހާމަކޮށް އިއްވި ޤަރާރުގެ 99 އިންސައްތަ މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ދެއްވިއެވެ.

ފެނަކައިގެ 152 ބްރާންޗުން 189 ފަންނީ މުވައްޒަފުން ބައިވެރިވި އެއް ދުވަހުގެ މިމަހާސިންތާ ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމެވެ.