ކުޅިވަރު

ޗައިނާ މެޗުތަކުން ބަލިވިނަމަވެސް ޓީމާއި މެދު އިތުބާރު އެބައޮތް: ކޯޗް ކޯރޭ ބެލްސަރ


ޗައިނާގައި ކުޅުނު މެޗުތަކުން މޮޅު ނުވެވުނަސް ސައުތު އޭޝިއަން ގޭމްސްގައި ޤައުމީ ބާސްކެޓު ޓީމުން ރަގަނޅު ނަތީޖާތަކެއް ހޯދާނެކަމާމެދު ޝައްކު ނުކުރާކަމަށް ފިރިހެނުންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމްގެ ކޯޗް އެެލެގްޒެންޑަރ ކޯރޭ ބެލްސަރ ބުނެފިއެވެ.

ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް އަންހެނުންގެ ޤައުމީ ބާސްކެޓު ޓީމާއި ފިރިހެނުންގެ ޤައުމީ ބާސްކެޓު ޓީމުން ޗައިނާގައި ކުރި ކޭމްޕު ނިންމާލުމަށްފަހު ނޭޕާލަށް ދާނީ މިއަދު އެވެ. މިކޭމްޕުގައި ކުޅުނު މެޗުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޤައުމީ ކޯޗް ބުނީ ސާކް ސަރަހައްދުގައި ކުޅޭ ބާސްކެޓު ބޯޅައާއި އޭޝިޔާގެ ބޮޑެތި ޤައުމު ތަކުގައި ކުޅޭ ބާސްކެޓު ބޯޅަ ތަފާތު ކަމަށެވެ. ހާއްްސަކޮށް ޗައިނާގައި ކުޅޭ ފިޒިކަލް ބާސްކެޓް ބޯޅައަށް ރާއްޖޭގެ ކުޅުންތެރިން އާކަމަށާއި ގިނަ ކުޅުންތެރިން ފިޒިކަލް މެޗުތަކަށް އެހާ ތައްޔާރުނުވާކަން ފާހަގަކުރެވިފައިވާކަމަށް ކޯޗު ކޯރޭ ބުންޏެވެ. ނަމަވެސް ޗައިނާގައި ކުޅުނު މެޗުތަކުން މިހާރު ކުޅުންތެރިން ފިޒިކަލް ގޭމް ކުޅުމަށް ހޭނިފައިވާކަމަށާއި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމުން ތަފާތު ދައްކާނެކަމާ މެދު ޝައްކު ނުކުރާކަމަށްވެސް ކޯޗް ބުންނެވެ.

ޗައިނާގެ ކުޅުނު މެޗުތަކުގެ ތެރެއިން އެއްވެސް މެޗަކުން އެހާ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައި ނުވާކަމަށާއި މިއީ ޓީމަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ކޯޗް ބުންޏެވެ. ޓީމުގެ ކުޅުމުގެ ވައްޓަފާޅީގެ އިތުރުން އެޓޭކް ކުރުމާއި ޑިފެންސް ކުރާގޮތް މިހާރު މާބޮޑަށް ރަގަނޅުކަމަށް ފިރިހެންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމްގެ ކޯޗު އެެލެގްޒެންޑަރ ކޯރޭ ބެލްސަރ ބުންޏެވެ. 

"ކޭމްޕުގައި ކުޅުނު ތިން މެޗުން ބަލިވާކަށް އަސްލުގައި ބޭނުމެއް ނޫން، އެކަމަކު ފިޒިކަލް ބާސްކެޓަށް އަދި ކުޅުންތެރިން ވަރަށް އާކަން ފާހަގަކުރެވުނު. ޗައިނާގެ ކޭމްޕުގެ ސަބަބުން މިހާރު ކުޅުންތެރިންވަނީ ވަރަށް ބޮޑަށް ފިންޏަށްވެސް ހޭނިފަ. އެހެންވީމަ ނޭޕާލުގައި ކުޅޭކަށް އެހާ އުދަގޫ ނުވާނެކަމަށް މިބަލަނީ" ކޯޗް ކޯރޭ ބުންޏެވެ.

ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓު އިވެންޓްގައި ރާއްޖެ ލައްވާލީ ގުރޫޕް އޭގައެވެ. އެއީ ބުޓާން، ބަންގްލަދޭޝް އަދި ނޭޕާލާ އެއް ގުރޫޕްއެއްގައެވެ. ގުރޫޕް ބީގައި ހިމެނެނީ ޕާކިސްތާން، ސްރީލަންކާ އަދި އިންޑިޔާއެވެ.