ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ބެޑްމިންޓަން ޓީމު އިވެންޓުން ރާއްޖެ ކަޓައިފި


13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ބެޑްމިންޓަން އިވެންޓްގެ ފުރަތަމަ ބުރުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ޓީމު ކުޅުނު މެޗުން ބަލިވެ މުބާރާތުގެ ޓީމް އިވެންޓުން ރާއްޖެ ކަޓައިފި އެވެ.

ނޭޕާލުގެ ޕޮކާރާ ސިޓީގައި ބެޑްމިންޓަން އިވެންޓުތައް ކުރިޔަށްދާއިރު، ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕާކިސްތާނާއި ދެކޮޅަށެއެވެ. މި މެޗުން ރާއްޖެ ބަލިވީ ސީދާ 3 ޓައިންވެ.

މެޗްގެ ފުރަތަމަ ޓައިގައި ޕާކިސްތާނުގެ މަހޫރު ޝަހާދާއި ދެކޮޅަށް ރާއްޖެއިން ނުކުތީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤެވެ. މި ޓައި ސީދާ ދެ ސެޓުން މަހޫރު ކާމިޔާބުކުރި އިރު މި ޓައިގެ ފުރަތަމަ ސެޓުން ނަބީހާ ބަލިވީ ދެ ޕޮއިންޓްގެ ތަފާތުންނެވެ. ފުރަތަމަ ސެޓް 19-21 އިން ނިމުނުއިރު ދެވަނަ ސެޓް ނިމުނީ 14-21 އިންނެވެ.

ދެވަނަ ސެޓް ފަށައިގެން ނަބީހާ ހިތްވަރާއެކު ކުޅުނު ނަމަވެސް ފަސްވަނަ ޕޮއިންޓާ ހަމައިން ޕާކިސްތާން ކުޅުންތެރިޔާ 7 ޕޮއިންޓްގެ ލީޑު ފުޅާ ކުރި ގޮތަށް ސެޓު ނިމެންދެން އެ ފަރަގު ހިފެހެއްޓިއެވެ.

މެޗުގެ ދެވަނަ ޓައިގައި ނީލާ ނަޖީބް ޕާކިސްތާންގެ ޕަލްވަޝާ ބަޝީރާ ވާދަކޮށް ބަލިވީ 1-3 ސެޓުންނެއެވެ.
މިޓައިގަ ފުރަތަމަ ސެޓު ނީލާ ފަސޭހަކަމާއެކު ކާމިޔާބު ކުރީ 21-16 އިންނެވެ. ނަމަވެސް ދެވަނަ ސެޓު ޕަލްވަޝާ ގެންދިޔައީ 21-23 އިންނެވެ. ތިން ވަނަ ސެޓު ގެންދިޔައީ 17-21 އިންނެވެ.
އަދި 3ވަނަ ޓައިގައި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤް ވަނީ ޕާކިސްތާންގެ ގަޒަލާ ސިއްދީޤާ ވާދަކޮށް ދެ ސެޓުން ބަލިވެފައެވެ. އެ ޓައިގެ ދެ ސެޓު ވެސް ޕާކިސްތާން ކުޅުންތެރިޔާ ގެންދިޔައީ 15-21 އިންނެވެ.