ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު 13 ވަނަ ސައުތު އޭޝިއަން ގޭމްސް ނޭޕާލުގައި ފަށައިފި


ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްކަމަށްވާ ސައުތު އޭޝިއަން ގޭމްސް، ކުލަގަދަ ރަސްމިއްޔާތަކުން ނޭޕާލުގައި ފަށައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގައި ގޭމްސް ހުޅުވުމަށް ބޭއްވި ޙާއްސަ ރަސްމީޔާތު ޝަރަފްވެރިކޮށްދެއްވީ ނޭޕާލުގެ ރައީސް ބިދްޔާ ދާވީ ބަންދާރީއެވެ.

ސާކްގެ 7 ޤައުމު ވާދަކުރާ މި ގޭމްސް ހުޅުމުގެ ރަސްމީޔާތުގައި ރާއްޖޭގެ ދިދަ އުފުލާލީ އަންހެންގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ. ހައްވައަކީ މިއަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެންގެ ވޮލީބޯޅަ މުބާރާތުގައި ރިހި މެޑަލް ހޯދި ޓީމުގެވެސް ކެޕްޓަނެވެ.

ބަޑިބޭހުގެ ކުޅިވަރުތަކާއެކު ގޭމްސް ހުޅުވުމަށް ދަޝްރަތު ސްޓޭޑިއަމްގައި ބޭއްވި ރަސްމީޔާތުގައި ނޭޕާލުގެ މުއްސަނދި ތާރީޚާއި ސަޤާފަތް ހިމެނޭ އައިޓަމްތައް ވަނީ ދައްކާލާފައެވެ.

ގާތްގަނޑަކަށް 8000 އަށްވުރެއް ގިނަ އެތުލީޓުން މި ގޭމްސްގައި ވާދަކުރާއިރު، މި ފަހަރަކީ ނޭޕާލުގައި ސައުތު އޭޝިއަން ގޭމްސް ބާއްވާ 4ވަނަ ފަހަރެއެވެ. ފުރަތަމަ ސައުތު އޭޝިއަން ގޭމްސް 1984 ވަނަ އަހަރު ބޭއްވީވެސް ނޭޕާލުގައެވެ.

މިފަހަރުގެ ގޭމްސްގައި ދިވެހިރާއްޖެއިން 11 ކުޅިވަރެއްގައި ވާދަކުރެއެވެ. އެ ކުޅިވަރުތަކަކީ، ފުޓްބޯޅަ، ވޮލީބޯޅަ، ބީޗް ވޮލީބޯޅަ، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ޓެނިސް، ސްވިމިންގ، ޝޫޓިން، ބާސްކެޓްބޯޅަ، ކްރިކެޓްގެ އިތުރުން އެތުލެޓިކްސްއެވެ. ގޭމްސްގެ ކޮންޓިންޖެންޓްގައި ރާއްޖޭގެ 213 މީހުން ހިމެނެއެވެ.