ރާއްޖޭގެ އުތުރަށް ކުރާ ވިއްސާރައިގައި ހދ. ނޮޅިވަރަންފަރުގެ 50 ހަށް ވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުން ވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ނޮޅިވަރަންފަރުގެ ކައުންސިލުން ބުނީ ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 4 ގެއަކުން މީހުންވެސް ބަދަލުކޮށްފައިވާކަމަށެވެ.
އެރަށުގައި ފެން ބޮޑުވެގެން ގެއްލުން ވެފައިވަނީ، އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް ބަދަލުކޮށްފައިވާ ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުގައި އަޅާފައިވާ ގެތަކަށެވެ. އުތުރުގެ ރަށްތަކަށް ވިއްސާރަކޮށް ވާރޭވެހޭ ކޮންމެ ފަހަރަކުވެސް މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ވިއްސާރާގައި ފެންބޮޑުވެ ހިފާގެންގުޅޭ ތަކެއްޗާއި ކަރަންޓު ސާމާނުތަކަށް ގެއްލުންވާކަން ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއެވެ.
މީގެ އިތުރުން ނަރުދަމާގެ ނިޒާމަކީ ފުރިހަމައަށް މަަސައްކަތް ނުކުރުމުގެ ސަބަބުން އާދަކޮށް ޕަންޕް ނުކުރާނަމަ ސެޕްޓިކް ޓޭންކްތައް ފުރި މަގުމައްޗަށް ނަޖިސް ބޭރުވާކަން ނޮޅިވަރަންފަރު ކައުންސިލުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އުތުރަށް ކުރާ ވިއްސާރައިގައި ހދ. ނޮޅިވަރަންފަރުގެ އިތުރުން ހދ. ކުޅުދުއްދުއްށީގެ 3 ގެޔަކުންވެސް މީހުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މި ވިއްސާރައިގައި ކުޅުދުއްފުށީގެ 20 ގެޔަކަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވިއެވެ. އެމްޑީއެމްއޭއިން ވަނީ މިހާރު އުތުރުގެ ބޮޑުބަޔަކަށް ކުރަމުންދާ ވިއްސާރައިގައި މި ދެރަށުގެ އިތުރުން ހދ. ކުރިނބި އަދި ހއ. ހޯރަފުށީގެ މަގުތަކުގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. އެއިދާރާއިން ވިދާޅުވީ މިކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭކަމަށެވެ. މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. މިހާރު ކުރަމުންދާ ވިއްސާރައާގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.