ޚަބަރު

ފެން ވަނުމުގެ ސަބަބުން ހދ. ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލުކޮށްފި


ރާއްޖޭގެ އުތުރަށް ކުރާ ވިއްސާރައިގައި ހދ. ކުޅުދުއްފުށީގެ 3 ގެޔަކަށް ފެންވަދެ ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ގެތަކުން މީހުން ނެރެފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ޙަސަން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކެއްގެ މަގުތަކުގައި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށްރަށުގައި ދިމާވާކަންކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ވުޒާރާތަކާއި މުއައްސަަސާތަކާއި ގާތުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ ސޮފީނާޒްވަނީ، މި ވިއްސާރައިގައި އެންމެ ބޮޑު އަސަރެއް ކޮށްގެން ރިޕޯޓްކޮށްފައިވަނީ ހދ. ކުޅުދުއްފުށިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ވިއްސާރައިގައި 20 ގެޔަކަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޅުދުއްފުށީގެ 3 ގެޔަކަށް ފެންވަދެ ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ގެތަކުން މީހުން ނެރެފައިވާކަމަށް ސޮފީނާޒް ވިދާޅުވިއެވެ. ސޮފީނާޒްވަނީ މި ފަރާތްތަކަށް އެހީވުމަށް ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ސޮފީނާޒް ވަނީ މިހާރު އުތުރުގެ ބޮޑުބަޔަކަށް ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީގެ އިތުރުން ހދ. ކުރިނބި، ހދ. ނޮޅިވަރަންފަރު އަދި ހއ. ހޯރަފުށީގެ މަގުތަކުގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާކަން ހާމަކުރައްވާފައެވެ.

އެމްއެންޑީއެފްގެ ޓުއީޓް

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. އެއިދާރާއިން ވިދާޅުވީ މިކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭކަމަށެވެ. މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. މިހާރު ކުރަމުންދާ ވިއްސާރައާގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.