ޚަބަރު

މީހުން ޓްރެފިކް ކުރުން ހުއްޓުވުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައިފި


މީހުން ޓްރެފިކްކުރުން ހުއްޓުވުގެ ޤާނޫނާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައި، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ސާދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ މި ކޮމިޓީގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ކޮމިޓީއަކީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އެގޮތުގައި ހިނގަމުންދޭތޯ ބެލުމަށާއި، ޤާނޫނުގެ ދަށުން ދަޢުލަތުގެ އެކިއެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަޅަމުންދޭތޯ ބެލުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮމިޓީއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުގެ ޤާނޫނެއް އެކުލަވާލާފައިވަނީ 2013 ވަނަ އަހަރުގައެވެ. މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ޓްރެފިކް ކުރުމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، ޓްރެފިކް ކުރުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އެކަށައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މީހުން ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއެއް މީގެ ކުރިން 2014 ވަނަ އަހަރުވެސް ވަނީ އެކުލަވާލާފައެވެ.