ކުޅިވަރު

ލެޖެންޑުންގެ ނަޒަރުގައި އާސެނަލްގެ ކޯޗަކަށް ގެންނަންވީ ވިއޭރާ


އާސެނަލްގެ ކުރީގެ ގިނަ ކުޅުންތެރިންގެ ނަޒަރުގައި އެކުލަބުގެ ކޯޗަކަށް ގެންނަންވީ ކުރީގެ ކެޕްޓަން އަދި މިހާރު ފްރާންސްގެ ނީސްގެ ކޯޗު ޕެޓްރިކް ވިއޭރާ ކަމަށް ގިނަ ކުޅުންތެރިން ބުނެފި އެވެ.

ވިއޭރާ ވަނީ މީގެ ކުރިން އެމެރިކާގެ ނިއުޔޯކް އެފްސީގެ ކޯޗުކަމާއި މެންޗެސްޓާ ސިޓީގެ ޓެކްނިކަލް ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އާސެނަލްގެ ކޯޗުކަން ހުސްވީ 1992 ވަނަ އަހަރުގެ ފަހުން، މޮޅުނުވެ 7 މެޗުގެ ސިލްސިލާއެއް ދިއުމުން ކޯޗުކަމުން އުނާއީ އެމެރޭ ވަކިކުރުމުންނެވެ.

އާސެނަލްގެ ކުރީގެ ކީޕަރު ޑޭވިޑް ސީމަން ބުނީ ވިއޭރާ އަކީ ކުލަބު ރަނގަޅަށް ދަންނަ ކުރީގެ ކެޕްޓަނެއް ކަމަށެވެ. އަދި ކުލަބަށް ކާމިޔާބު ހޯދައިދީފައި ވާ ހަރުދަނާ ކުޅުންތެރިއަކަށް ވާތީ މިވަގުތު އޭނާ އަށް ކޯޗުކަން ދިނުން ރަނގަޅު ކަމަށެވެ.

ވަގުތީ ގޮތުން އާސެނަލްގެ ކޯޗުކަން ހަވާލުކޮށްފައިވަނީ ފްރެޑިކް ލިއުންބާގަށެވެ. ނަމަވެސް ސީމަން ބުނީ ކުރީގެ މިޑްފީލްޑަރ ލިއުންބާގް މިހާތަނަށް އަދާކޮށްފައިވާ ވަޒީފާތަކަށް ބަލާއިރު އާސެނަލްގެ ކޯޗުކަމަކީ އޭނާއާ އެކަށީގެންވާ ވަރަށްވުރެ ބޮޑު މަޤާމެއް ކަމަށެވެ.

އާސެނަލުން އާ ކޯޗަކު ހޯދަން މަސައްކަތް ކުރާއިރު ގިނަ ކެނޑިޑޭޓުންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި އިޓަލީގެ ޔުވެންޓަސް އިން މިދިޔަ ސީޒަނަށް ފަހު ވަކިވި ކޯޗު މަސިމޯ އަލްގެރީ އާއި ނަޕޯލީ އަށް ކޯޗުކޮށްދޭ ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ އާއި ވުލްވުސްގެ ކޯޗު ނޫނޯ ސަންޓޯ އާއި އަޔެލްސްގެ ކޯޗު އެރިކް ޓެންހަގާއި ޓޮޓެންހަމުން ވަކިކުރި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ޗައިނާ ލީގުގައި މިހާރު ކޯޗުކޮށްދޭ ލިވަޕޫލާއި ޗެލްސީގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒާއި މެންޗެސްޓާ ސިޓީގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރާ އާސެނަލްގެ ކުރީގެ ކެޕްޓަން މައިކަލް އާޓެޓާ ހިމެނެ އެވެ.

އާޓެޓާ އަކީ 20 އަހަރަށް ފަހު އާސެން ވެންގާ ކޯޗުކަމުން ވަކިވުމުން ވެސް އާސެނަލްގެ ކޯޗުކަން ދޭން އުޅުނު މީހެކެވެ. އޭނާ އެފަހަރު ކޯޗުކަން ގަބޫލުނުކުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތް ކުރުމަށްޓަކައެވެ.