ކުޅިވަރު

މެންޗެސްޓާ ސިޓި ހިންގާ ގްރޫޕް އިންޑިއާގެ ފުޓްބޯޅައަށް


އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިންގާ، ސިޓީ ފުޓްބޯޅަ ގްރޫޕުން އިންޑިޔާގެ ކުލަބު މުމްބާއީ އެފްސީ ގަނެފި އެވެ.

އަރަބި މަހުޖަނުން މި ކުލަބު ގަތުމުން ސިޓީ ފުޓްބޯޅަ ގްރޫޕުން ހިންގާ ކުލަބުތަކުގެ އަދަދު އަށަކަށް އެރީ އެވެ. ސިޓި ފުޓްބޯޅަ ގްރޫޕުގެ ޗެއާމަން ހަލްދޫން އަލްމުބާރިކް ބުނީ މިއީ އިންޑިޔާގެ ފުޓްބޯޅައަށް ވެދެވޭ އެހީތެރިކަމެއް ކަމަށެވެ. އަދި މިއާއެކު އެ ގްރޫޕުގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް އިތުރު ދިރުމެއް އަންނާނެ ކަމަށެވެ.

ސިޓީ ފުޓްބޯޅަ ގްރޫޕުން ގަނެފައިވަނީ މުމްބާއީ އެފްސީގެ 65 އިންސައްތަ ހިއްސާ އެވެ. އަނެއް 35 އިންސައްތަ ހިއްސާ އޮންނަނީ މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރާއި އޭނާގެ ރަހުމަތްތެރި އެކައުންޓެންޓެއްގެ އަތުގައެވެ.

ސިޓި ފުޓްބޯޅަ ގްރޫޕުން ހިންގާ ކުލަބުތަކުގެ ތެރޭގައި ޗައިނާ، ސްޕޭން، އޮސްޓްރޭލިޔާގެ އިތުރުން އެމެރިކާގެ ކުލަބުތައް ހިމެނެ އެވެ. މި ގްރޫޕުން ހިންގާ އެންމެ މަޝްހޫރު ކުލަބަކީ މެންޗެސްޓާ ސިޓީ އެވެ. އެކުލަބު ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ލީގުގެ ހުރިހާ ތަށްޓެއް ކާމިޔާބުކޮށްފަ އެވެ. ކުލަބުގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.