ވިޔަފާރި

ޓޫރިޒަމް މިނިސްޓަރ 3 އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ނ. ރ އަދި ޅ އައޮޅަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، އެއަތޮޅުތަކުގައި ހުރި ގޮންޖެހުންތަކާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމުގެ ބޭނުމުގައި ޓުއަރިޒަމް މިނިސްޓަރ ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިނިސްޓަރ ވަޑައިގެންނެވީ ރ. އަތޮޅަށެވެ. ރ އަތޮޅަށް ފަހު ނ އަތޮޅަށާއި ޅ އަތޮޅަށް މި ދެދުވަހު މިނިސްޓަރ ވަނީ ޒިޔާރާތްކޮށްފައެވެ. މިދަތުރުފުޅުގައި އެއަތޮޅުތަކުގެ ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކުރައްވާ އާންމު ރައްޔިތުން ބައިވެރިކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅިގެން މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރގެ ދަތުރުފުޅުގައި މަޖިލީހުގެ މެމްބަރުންނާއި ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާ މުހިއްމު މަޝްވަރާތަކެއް ކުރިއަށްދިޔަކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިއަތޮޅުތަކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މި ދަތުރުފުޅުގައި އަތޮޅުތަކުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމާއި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއިން، އާންމު ރައްޔިތުންނަށް ހުރި އެހެނިހެން ފުރުޞަތުތައް އިތުރުކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށް ވިދާޅުވެފައެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާއިން "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް މިދަތުރުފުޅުގައި މަޝްވަރާކުރާނޭކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ތިން އަތޮޅަށް މިނިސްޓަރ ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.