ޚަބަރު

ކަނޑުތައް ގަދަވާނެ މޫސުމަށް ސަމާލުވޭ


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.