ވިޔަފާރި

ނ އަތޮޅާއި ރ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު، ޓޫރިޒަމް މިނިސްޓަރ މިއަދު ޅ އަތޮޅަށް


ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓަރ ނ.އަތޮޅާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މިއަދު ޅ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، އެއަތޮޅުތަކުގައި ހުރި ގޮންޖެހުންތަކާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމުގެ ބޭނުމުގައި ޓުއަރިޒަމް މިނިސްޓަރ ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިނިސްޓަރ ވަޑައިގެންނެވީ ރ. އަތޮޅަށެވެ. ރ އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި އެއަތޮޅުގެ ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކުރައްވާ އާންމު ރައްޔިތުން ބައިވެރިކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅިގެން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި އަތޮޅުގެ ރަށްތަކުގެ ކައުންސިލަރުންނާއި ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެފައިވެއެވެ.

ރ އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެން މިނިސްޓަރ ވަޑައިގެންނެވީ ނ. އަތޮޅަށެވެ. މިދަތުރުފުޅުގައި މި ދާއިރާގެ މެމްބަރުންނާއި ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާ މުހިއްމު މަޝްވަރާތަކެއް ކުރިއަށްދިޔަކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިއަތޮޅުތަކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މި ދަތުރުފުޅުގައި އަތޮޅުތަކުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމާއި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއިން، އާންމު ރައްޔިތުންނަށް ހުރި އެހެނިހެން ފުރުޞަތުތައް އިތުރުކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް މިދަތުރުފުޅުގައި މަޝްވަރާކުރާނޭކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މި ދަތުރުގެ އެންމެފަހު މަންޒިލެއްގެ ގޮތުން މިނިސްޓަރ މިއަދު ވަޑައިގަންނަވާނީ ޅ. އަތޮޅަށެވެ. މިދަތުރުތައް މާދަމާ ނިމޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.